މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާޓްސް

ރާއްޖޭގެ ވެލްނެސް އެމްބެސަޑަރަކަށް ސުނިލް ޝެޓީ

މަރިޔަމް ޝަހުދާ

އިންޑިއާގެ ކުރީގެ މަޝްހޫރު ބޮލީވުޑް ތަރި ސުނިލް ޝެޓީ ރާއްޖޭގެ ވެލްނެސް އެމްބެސަޑަރަކަށް ހަމަޖައްސައިފިއެވެ.

ޔޫތް މިނިސްޓްރީން ބުނީ، ރާއްޖޭގެ ވެލްނެސް އެމްބެސަޑަރަކަށް ވުމަށް ސުނިލް ޝެޓީއަށް މިނިސްޓްރީން ދިން ދައުވަތު އޭނާ ގަބޫލުކޮށްފައިވާ ކަމަށެވެ. އަދި ދިވެހިންގެ މެދުގައި ދުޅަހެޔޮ ދިރިއުޅުމުގެ ވައްޓަފާޅިއެއް އަށަގެންނެވުމުގެ ގޮތުން ރާއްޖޭގައި ''މިޝަން ފިޓް މޯލްޑިވްސް'' ހަރަކާތެއް ފެށުމަށް ނިންމާފައިވާ ކަމަށެވެ.

އެ ޕްރޮގްރާމްގެ ރާއްޖެއަކީ ދުނިޔޭގައި އޮތް އެންމެ ސިއްހަތު ރަނގަޅު ގައުމަށް ހެދުމަށް ރާއްޖޭގެ ފިޓްނަސް އިންޑަސްޓްރީގައި އުޅޭ ތަޖުރިބާކާރުންނާއެކު ސުނިލް ޝެޓީ އާއި އޭނާގެ ޓީމުން މަސައްކަތް ކުރާނެ ކަމަށް ބުނެފައިވެއެވެ.

ރާއްޖޭގައި ''މިޝަން ފިޓް މޯލްޑިވްސް'' ހަރަކާތް ކުރިއަށް ގެންދިއުމާ ގުޅޭގޮތުން މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވީ، އެއީ ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ދުޅަހެޔޮ ކަމަކީ ފަސޭހަ ކަމެއް ކަމަށް ހެދުމަށް ހިންގާ ހަރަކާތެއް ކަމަށެވެ. އެގޮތުން މި މަސައްކަތް ކުރުމުގެ ގޮތުން ރާއްޖޭގެ ކޮންމެ ރަށެއްގައި ޓްރެއިން ކޮށްފައިވާ ސްޕޯޓް ކައުންސިލަރެއް، ރަށުގައި ފިޓްނަސް ހަރަކާތްތައް ކުރިއަށް ގެންދިއުމަށް އައްޔަން ކުރާނެ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ކުރިއަށްއޮތް ދެ އަހަރު ތެރޭ ރާއްޖޭގެ ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމް ގާއިމްކުރުން ކަމަށާއި މި މަސައްކަތުގެ ތެރެއިން އިންޑިއާ ސަރުކާރުގެ އެހީތެރިކަމާއެކު 61 އައުޓްޑޯ ޖިމެއް އެކި ރަށްރަށުގައި ގާއިމް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި ދިވެހިންގެ ދުޅަހެޔޮ ކަމަށް ކުރަމުން އަންނަ މަސައްކަތްތަކުގައި ސުނިލް ޝެޓީ ބައިވެރިވުމުން މި މަސައްކަތް އިތުރަށް ކާމިޔާބު ވެގެން ދާނެ ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ ވެލްނެސް އެމްބެސަޑަރު ކަމަށް ހަމަޖެއްސުމުން ދިވެހިން ކުރި ޓުވީޓެއްގައި ސުނިލް ޝެޓީ ބުނީ، ''މިޝަން ފިޓް މޯލްޑިވްސް''ގައި ބައިވެރިވުމަކީ ލިބޭ ޝަރަފެއް ކަމެވެ. އަދި ކާމިޔާބު ގައުމަކަށް އެންމެ މުހިއްމީ ދުޅަހެޔޮ ރައްޔިތުން ކަމަށް ބުނެފައިވެއެވެ.

ސުނިލް ޝެޓީ މިހާރު ވެސް ދަނީ އިންޑިއާގައި ''މިޝަން ފިޓް އިންޑިއާ'' ހަރަކާތް ހިންގަމުންނެވެ. އަދި އެ ހަރަކާތުގެ ދަށުން މިހާތަނަށް 43 ސިޓީ އެއްގައި ފިޓްނަސް ފެސްޓިވަލްތައް ވަނީ ބައްވައިފައެވެ.