އެތުލެޓިކްސް

ދެ ގަޑިއިރަށް ވުރެ އަވަހަށް މެރަތަނެއް ނިންމައި، ކިޕްޗޯގް ތާރީހުގެ ތެރެއަށް

ދެ ގަޑިއިރަށް ވުރެ އަވަހަށް މެރަތަން ނިންމައި، ކެންޔާގެ އެލިއޫޑް ކިޕްޗޯގް ތާރީހުން ޖާގަ ހޯދައިފިއެވެ.

އޮސްޓްރިއާގެ ވީނާގެ ޕްރެޓާގައި މިއަދު ބޭއްވި “އިނިއޮސް 1:59 ޗެލެންޖް”ގައި ދުވެ، ކިޕްޗޯގް ދުވުން ފުރިހަމަކުރީ އެއް ގަޑިއިރާއި 59 މިނެޓް 40 ސިކުންތުންނެވެ.

އެ ދުވުމުގައި ކިޕްޗޯގް ދުވެފައިވަނީ ޕޭސްމޭކަރުންނާއެކުއެވެ. އޭނާގެ އަމާޒަށް ވާސިލުވުމަށް ޕޭސްމޭކަރުން ވަނީ ދުވަންވީ ބާރުމިން ދައްކުވައިދީފައެވެ.

ކިޕްޗޯގް އަމާޒަށް ވާސިލުވެފައި މިވަނީ ދެ ގަޑިއިރަށް ވުރެ އަވަހަށް އިންސާނަކަށް މެރަތަނެއް ފުރިހަމަ ނުކުރެވޭނެ ކަމަށް ސައިންސްވެރީން ވެސް ބުނެފައި ވަނިކޮށެވެ. އޭނާ ވަނީ މީގެ ކުރީން ވެސް އެ އަމާޒަށް ވާސިލުވުމަށް މަސައްކަތްކޮށްފައެވެ. ނައިކީގެ ދުވުމެއްގައި ވާދަކޮށް، އޭނާއަށް އެފަހަރު ދުވުން ފުރިހަމަކުރެވުނީ 24 ސިކުންތު ލަހުންނެވެ.

މެރަތަންގެ ދުނިޔޭގެ ރެކޯޑު ވެސް އޮންނަނީ ކިޕްޗޯގް އަތުގައެވެ. ބެއިޖިން މެެރަތަން 2018ގައި ވާދަކޮށް، ކިޕްޗޯގް ރެކޯޑު ހެދީ ދެ ގަޑިއިރާއި އެއް މިނެޓް 39 ސިކުންތުން ދުވުން ފުރިހަމަކޮށްގެންނެވެ. މިއަދު އެ ރެކޯޑަށް ވުރެ އަވަހަށް ކިޕްޗޯގް ދުވުން ފުރިހަމަކުރި ނަމަވެސް، މިއަދުގެ ދުވުމަކީ ދުނިޔޭގެ އެތުލެޓިކްސްގެ މައި އިދާރާގެ މިންގަނޑުތަކާ ހިލާފު ދުވުމެއް ކަމުން އެއީ ރެކޯޑެއް ކަމަށް ބަލައެއް ނުގަނެވޭނެއެވެ.