ޝަހީދާ އަބްދުﷲ ސައީދު
އިސްލާމީ މަރުކަޒުގެ މަސައްކަތު ބައިގެ ހުރިހާ މުވައްޒަފުން މިއަދު ކިޔަވަން ފޮނުވައި، އިސްލާމިކް މިނިސްޓްރީގެ އިސްވެރިންނާއި އިދާރީ މުވައްޒަފުން މަސައްކަތަށް ނުކުމެއްޖެއެވެ.
އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް އިސްމާއީލް އަފްރާހު ވިދާޅުވީ، އެމިނިސްޓްރީގެ ރެކްރިއޭޝަން ކުލަބުން މައުލޫމާތާއި ތަމްރީނު ދިނުމަށް މިއަދު ކުރިއަށް ގެންދާ ވޯކްޝޮޕުގައި އިސްލާމިކް މިނިސްޓްރީގެ މަސައްކަތު ބައިގައި އުޅޭ 35 މުވައްޒަފަކާއި ސެކިއުރިޓީ އޮފިސަރުން ބައިވެރިވެފައިވާކަމަށެވެ.
އެހެންކަމުން މަސައްކަތު މީހުން ކުރަމުންދިޔަ ހުރިހާ މަސައްކަތެއް މިއަދު ކުރަމުންދަނީ، އެ މިނިސްޓްރީގެ ވެރިންނާއި އިދާރީ މުވައްޒަފުން ކަމަށް ވިދާޅުވިއެވެ.
އަދި އެގޮތަށް ހަމަޖެއްސީ މަސައްކަތު މީހުންނަށް ވޯކްޝޮޕަށް ދެވެން އޮތީ އެމީހުންގެ މަސައްކަތާއި އެހެން ބަޔަކު ހަވާލުވުމުން ކަމަށް ވާތީ ކަމަށާއި އިދާރީ މުވައްޒަފުން މިއަދު 24 ގަޑިއިރުގެ ޑިއުޓީ ބަހައިގެން ފޮޅައި ސާފުކުރުމުގެ އިތުރުން ސެކިއުރިޓީގެ މަސައްކަތް ކުރަމުންދާނެ ކަމަށް އަފްރާހު ވިދާޅުވިއެވެ.
މި ވޯކްޝޮޕްގައި ފަސްޓްއެއިޑް، އަދި ސިއްހީ އެކި މައުލޫމާތާއި މީހުންނާ މުއާމަލާތުކުރާނެ ގޮތާއި ބެހޭގޮތުން ކަމާ ބެހޭ ފަންނީ ބޭފުޅުން މައުލޫމާތު ދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.