ސިޔާސީ

އަމިއްލަ ގެޔަށް ގޯނިގޯނީގައި ފައިސާ ނުވައްދަވައި ރައީސް ސޯލިހު ގެންދަވަނީ ވައުދު ފުއްދަވަމުން: ރޮޒޭނާ

އަމިއްލަ ގެޔަށް ގޯނި ގޯނީގައި، ފައިސާ ނުވައްދައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގެންދަވަނީ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުފުޅުތައް ފުއްދަވަމުން ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒޭނާ އާދަމް ވިދާޅުވެއްޖެ އެވެ.

ރޮޒޭނާ މިހެން ވިދާޅުވީ، "އަންނަނީ، އަންނަނީ" ގެ ނަމުގައި، ޕީޕީއެމް ޕީއެންސީން ރޭ ކާނިވަލުގައި ބޭއްވި އެއްވުމުގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދެއްކެވި ބައެއް ވާހަކަފުޅުތަކަށް ރައްދުދެއްވުމުގެ ގޮތުން ކުރެއްވި ޓުވީޓެއްގަ އެވެ.

ރޭގެ ވަގުތެއްގައި ރޮޒޭނާ ކުރެއްވި ޓުވީޓުގައި ވިދާޅުވީ މި ސަރުކާރުން ފެންފޮދަކާއި ނުލައި ބަޖެޓު ދިރުވާލައި ކަމަށް ރައީސް ޔާމީން ވިދާޅުވުމުން ހެމުން ހެމުން ގޮސް އުނދޯލިން ނުވެއްޓުނީ ވެސް ކިރިޔާ ކަމަށެވެ.

"މީނަ މި ސަރުކާރުން ފެންފޮދަކާއި ނުލައި ބަޖެޓު ދިރުވާލައިފިޔޭ ބުނީމަ އަޅުގަނޑު ހެމުން ގޮސް އުނދޯލިން ނުވެއްޓުނީ ކިރިޔާ. މީނަ! ރައީސް ޔާމީން! ގައުމު ދަވާލި ވެރިޔާ!" ރައީސް ޔާމީން ރޭގެ ރެލީގައި ވާހަކަފުޅުދައްކަވާ ފޮޓޯއަކާ އެކު ކުރެއްވި ޓުވީޓުގައި ރޮޒޭނާ ވިދާޅުވި އެވެ. "އަލަށް ފެއްޓި މަޝްރޫއެއް ބުނެބަލާށޯ! މީދޫ ބަނދަރު، މަރަދޫ ފޭދޫ ބަނދަރު، ހުޅުމީދޫ ހެލްތު ސެންޓަރު އެކްސެޓެންޝަން، އަދިވެސް އަދިވެސް..." ރޮޒޭނާގެ ޓުވީޓުގައި އިތުރަށް ވިދާޅުވި އެވެ.

ރޮޒޭނާ ވިދާޅުވީ ފާހަގަ ކުރައްވާފައި އެވަނީ އެކަމަނާގެ ދާއިރާގައި ކުރިޔަށްދާ ބައެއް ޕްރޮޖެކްޓުތަކުގެ ވާހަކަ އެކަނި ކަމަށެވެ. އެ ގޮތުން ރައީސް ސޯލިހު ވައުދު ފުއްދަވަމުން ގެންދަވަނީ، ވައްކަމާއި ނުލައި، އަމިއްލަފުޅު އެކައުންޓަށް ވައްކަމުގެ ފައިސާ ނުވައްދަވައި ކަމަށް ވެސް ރޮޒޭނާ ވިދާޅުވި އެވެ.

ރޭ ގެ ސިޔާސީ އެއްވުމުގައި ރައީސް ޔާމީން ވަނީ ވަރަށް ބޮޑަށް ސަރުކާރަށް ފާޑު ވިދާޅުވެފަ އެވެ. އެ ގޮތުން މި ސަރުކާރު ވެރިކަމަށް އަންނަން ވީ ވައުދު ތަކަކީ އޮޅުވާލުމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.