ޝަހީދާ އަބްދުﷲ ސައީދު
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް ދެ ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވައިފިއެވެ.
ރައީސް އޮފީހުން ބުނީ، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް ސަރުކާރުން އިސްލާހު ގެނައުމުގެ މައިގަނޑު ބޭނުމަކީ، ނުރަނގަޅު މަގުސަދުތަކުގައި ޓެރަރިޒަމްގެ ދައުވާ ކުރުމަށް އެ ގާނޫނުގެ ބޭނުންކުރެވޭ ކުރުން ހުއްޓުވުމުގެ ގޮތުން، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު ގައި މިހާރު ކަނޑައަޅާފައިވާ ޓެރަރިޒަމްގެ ކުށުގެ ދާއިރާއަށް ބަދަލުގެނައުމާއި، ތަހުގީގުކުރުމުގައާއި، ޓެރަރިޒަމްގެ ކުށްތަކުގައި ދައުވާ އުފުލުމުގައި ގާނޫނު ތަންފީޒުކުރާ އިދާރާ ތަކަށާއި ޕްރޮސިކިއުޓާ ޖެނެރަލަށް ލިބިދޭ ގާނޫނީ ބާރުތަކުގެ ދާއިރާ އަލުން ކަނޑައެޅުން ކަމަށެވެ.
އަދި ޒަމާނާ އެއްގޮތް ގާނޫނީ އިމްތިޔާޒުތައް އެފަރާތްތަކަށް ދިނުމާއި، ދިވެހިރާއްޖެއިން ބޭރުގައި ޓެރަރިސްޓުން ހިންގާ ހަނގުރާމަތަކުގައި ބައިވެރިވުމަށްފަހު ނުވަތަ އެފަދަ ސަރަޙައްދުތަކަށް ދިޔުމަށްފަހު އަނބުރާ ދިވެހިރާއްޖެއަށް އަންނަ ފަރާތްތަކާމެދު ގާނޫނު ތަންފީޒުކުރާ އިދާރާތަކުން އަޅަންޖެހޭ ފިޔަވަޅުތަކާއި، އެ ފަރާތްތަކުގެ މައްޗަށް ހިންގޭނެ އިޖުރާއަތުތައް މި ގާނޫނުގައި ކަނޑައެޅުމަށްކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް ދެ ވަނަ އިސްލާހު ގެނައުމުގެ ބިލު ފާސްކުރީ މިދިޔަ ސެޕްޓެންބަރު މަހުގެ 30 ވަނަ ދުވަހު، ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި ބޭއްވި، ތިން ވަނަ ޖަލްސާގައެވެ.
ސަރުކާރުގެ ފަރާތުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު، ހެންވޭރު ދެކުނު ދާއިރާގެ ހުސައިން ޝަހީމް ހުށަހެޅުއްވި މި ބިލުގައިވާ ގޮތުން ކޯޓު އަމުރަކާ ނުލައި ބޮޑެތި ކުށްތަކުގައި ތުހުމަތު ކުރެވޭ މީހުން ހައްޔަރުކޮށް ބަލައި ފާސް ކުރުމުގެ ބާރު ފުލުހުންނަށްވަނީ ދީފައެވެ.
އެގޮތަށް ފުލުހުން ހައްޔަރުކުރާ މީހުން ބަންދުކޮށްފައިވަނީ ގާނޫނީ ހަމަތަކުގެ މަތިންތޯ ކަނޑައެޅުމަށް އެ މީހަކު ހައްޔަރުކުރާތާ ގިނަވެގެން 24 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރަންވާނެ ކަމަށް ބިލުގައި ބުނެފައިވެއެވެ. ބިލުގައިވާ ގޮތުން، ފުލުހުން ހައްޔަރުކުރާ މީހާއަށް، އޭނާގެ ގާނޫނީ ވަކީލާ އެކަހެރިކޮށް ބައްދަލުކޮށް މަޝްވަރާ ކުރުމުުގެ ފުރުސަތު ނުދީ ހަތް ދުވަސްވަންދެން ހިފެހެއްޓޭނެއެވެ.
މި ބިލުގައި ޓެރަރިޒަމްގެ އަމަލުތައް ކަޑައަޅައި އެފަދަ އަމަލުތަކަށް ބޮޑެތި އަދަބުތަކެއްވަނީ ކަނޑަ އަޅައިފައެވެ. އެގޮތުން ހަނގުރާމައަށް މީހަކު ފޮނުވުމުގެ އިތުރުން، ހަނގުރާމައަށް މީހަކު ފޮނުވަން މަސައްކަތްކުރުން، އަދި އެފަދަ ކަމަކަށް ހިތްވަރު ދިނުމަކީ ކުށެއްގެ ގޮތުގައި ކަނޑައަޅައި، އެފަދަ ކުށެއްގެ އަދަބަކީ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ކަމަށް ކަނޑައަޅާފައިވެއެވެ.
ހަނގުރާމައަށްދާ މީހެއްގެ އަދަބަކީ ނުވަ އަހަރާއި 12 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށް ވަނީ ކަނޑައަޅައިފައެވެ. ހަނގުރާމަވެރި ސަރަހައްދަށް ދިއުން ނުވަތަ އެފަދަ ސަރަހައްދެއްގައި ހުރުމަކީ ކުށެއް ކަމަށާއި، އެފަދަ ކުށެއް ކުރާ މީހެއްގެ އަދަބަކީ ފަސް އަހަރާއި ހަތް އަހަރާ ދެމެދުގެ އަދަދަކަށް ޖަލަށްލުން ކަމަށް ވެސް ބުނެފައިވެއެވެ.
އަދި ހަނގުރާމައަށް ދާން އުޅުމާއި އެ ކުށް ކުރުމަށް އެހީތެރިވުމާއި އެ ކުށް ކުރުމުގައި އެއްވެސް ސިފައެއްގައި ބައިވެރިވެއްޖެނަމަ ފަސް އަހަރާއި ހަތް އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމަށް ވެސް ބިލުގައި ކަނޑައަޅާފައިވެއެވެ.
ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅޭ ކަމުގެ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބުމަށްފަހު، ކަމާ ބެހޭ ދައުލަތުގެ އިދާރާއަކާ އެ މައުލޫމާތު ހިއްސާ ކުރުމުގެ ފުރުސަތު އޮވެ، އެ ގަސްދުގައި އެ މައުލޫމާތު ހިއްސާނުކޮށް ސިއްރު ކުރުމަކީ ކުށެއް ކަމަށާއި އަދަބަކީ ފަސް އަހަރާއި ހަތް އަހަރާއި ދެމެދުގެ ޖަލު ހުކުމެއް ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ. އަދި ޓެރަރިސްޓު ޖަމާއަތްތަކަށް ތާއީދުކޮށް، އެ މީހުންނަށް ހިތްވަރުދީ ހިޔާލު ފާޅުކުރާނަމަ، އެއީ ކުށެއް ކަމަށާއި އެފަދަ ކުށެއް ކުރާ މީހެއްގެ އަދަބަކީ ތިން އަހަރާއި ފަސް އަހާރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށް ވެސް ބިލްގައި ބުނެފައިވެއެވެ.