އިބްރާހިމް ޒަކީ
ރަށްރަށުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުުގެ މެންބަރުންނަށް އުޖޫރަދޭން ކަނޑައަޅައި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު އެޓަނީ ޖެނެރަލްގެ އޮފީހުން ރައީސުލް ޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވައިފިއެވެ.
އޭޖީ އޮފީހުން ބުނީ މިއީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް ބާރުވެރިކުރުވުމުގެ ގޮތުން ބިލުގައި ހިމަނާފައިވާ އިސްލާހެއް ކަމަށެވެ. މީގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ވަކި ބަޖެޓެއް ދޭގޮތަށް ހަމަޖެއްސުމަށާއި އޮފީސް ހިންގާނެ ތަން ހަމަޖައްސައިދިނުން ފަދަ އިންތިޒާމުތައް، ކައުންސިލުތަކުން ފޯރުކޮށްދޭންވާނެ ކަމަށް ބިލުގައި ކަނޑައަޅާފައިވާނެ ކަމަށްވެސް އޭޖީ އޮފީހުން ބުނެފައިވެއެވެ.
ރަށްރަށުގެ ތަރައްގީގެ މަސައްކަތުގައާއި ކައުންސިލުތަކުގައި އަންހެނުންގެ ދައުރު އިތުރުކުރުމަށްޓަކައި، ކައުންސިލްތަކަށް އިންތިހާބުކުރެވޭ މެންބަރުންގެ %33 (ތިރީސް ތިނެއް އިންސައްތަ) އަންހެނުންނަށް ހާއްސަ ކުރަންވެސް ބިލުގައި ވަނީ ކަނޑައަޅައިފައެވެ.
ކައުންސިލްތަކުގައި އަންހެނުންގެ ދައުރު އިތުރަށް ބާރުވެރި ކުރުވުމުގެ އިތުރުން ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ދިނުމަށް ގާނޫނަށް ހުށަހަޅާފައިވެއެވެ.