މުހައްމަދު އައުޒަމް
އެމްއެންޑީއެފް ސަދަން އޭރިއާގައި ހިމެނޭ ގދ.ތިނަދޫގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ފަޔާސްޓޭޝަންގެ އާ އިމާރާތް މިއަދު ހުޅުވައިފި އެވެ.
ތިނަދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފަޔާސްޓޭޝަންގެ މި އިމާރާތް ހުޅުއްވައި ދެއްވީ މިނިސްޓްރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އޮނަރަބަލް އާދަމް ޝަރީފް ޢުމަރެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓްރު ވިދާޅުވީ ތިނަދޫގައި ހުޅުވިގެން މިދިޔަ ފަޔަރ ސްޓޭޝަންގެ އާ އިމާރާތާއި ގުޅިގެން ހުވަދުއަތޮޅުގެ ރައްޔިތުންނަށާއި އެމްއެންޑީއެފް ސަދަން އޭރިއާގައި ހިމެނޭ އަތޮޅުތަކުގެ ރައްޔިތުންނަށް އެތަކެއް ފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ. މީގެ އިތުރުން ފަޔަރ ސްޓޭޝަން ޤާއިމް ކުރުމުގެ މަސައްކަތުގައި އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން ކޮށްފައިވާ ބުުރަ މަސައްކަތް ފާހަގަކުރައްވައި ސިފައިންނަށް މިނިސްޓަރ ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ގދ.ތިނަދޫގައި އިމާރާތްކުރި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ފަޔާސްޓޭޝަންގެ އާ އިމާރާތް ހުޅުވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑަރ ކާނަލް ޢަބްދުﷲ އިބްރާހީމާއި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ކޮމާންޑަރ ކާނަލް ޢަބްދުﷲ ޒުހުރީއާއި އެހެނިހެން ރޭންކުތަކުގެ ސިފައިން ވަނީ ބައިވެރިވެފައެވެ.