ދުނިޔެ

ޚަޝޯގީ މަރާލި ވަގުތު ރެކޯޑުކުރެވިފައިވަ އޯޑިއޯ ބައެއް ގައުމުތަކާ ހިއްސާކޮށްފި

މުހައްމަދު އައުޒަމް

ސައުދީ ނޫސްވެރިޔާ ޖަމާލް ޚަޝޯގީ މަރާލި ހާދިސާގެ ރެކޯޑުކުރެވިފައިވާ އޯޑިއޯ ދުނިޔޭގެ ބޮޑެތި ގައުމުތަކާ ހިއްސާކޮށްފިއެވެ.

ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ތުރުކީގެ ރައީސް އުރުދޮގާން ވަނީ ޚަޝޯގީގެ މަރާ ގުޅޭ އޯޑިއޯ ދުނިޔޭގެ ބޮޑެތި ގައުމުތަކާ ހިއްސާކޮށްފައިވާ ކަމަށް ބުނެފައެވެ.

އޯޑިއޯ ހިއްސާކޮށްފައި ވަނީ ސައުދީ އަރަބިއްޔާ، އެމެރިކާ، ޖަރުމަން އަދި ފްރާންސްގެ އިތުރުން އިނގިރޭސިވިލާތަށެވެ.

އުރުދޮގާން އިތުރަށް ވިދާޅުވީ ޚަޝޯގީ މަރާލުމުގައި އިސްކޮށް އުޅުނު މީހުން ސައޫދީ އަށް އެނގޭނެ ކަމަށެވެ. ޚަޝޯގީ މަރާލުމުގެ އެއްދުވަސް ކުރިން ތުރުކީއަށް އަމިއްލަ ޖެޓެއްގައި އެތެރެވެފައިވާ 15 މީހުންގެ ތެރޭގައި ޚަޝޯގީ މަރާލުމުގައި އަމަލީ ގޮތުން އުޅުނު ފަރާތްތައް ވާނެކަން ސައުދީއަށް އިނގޭނެ ކަމަށް އުރުދޮޣާން ވަނީ ވިދާޅުވެފަ އެވެ.

ތުރުކީ ފުލުހުން ވަނީ ޚަޝޯގީގެ ހަށިގަނޑު ހޯދުމުގެ މަސައްކަތް ހުއްޓާލާފައެވެ. ނަމަވެސް އެއަނިޔާވެރި މަރުގެ ހަގީގަތް ހޯދުމަށް ކުރަމުން އަންނަ ތަހުގީގު ހުއްޓާނުލައި ކުރިޔަށް ގެންދާނެ ކަމަށް ތުރުކީން ވަނީ ބުނެފައެވެ.