ޑިންގީއެއްގެ ބުރަފަތިން ޖެހި ރ. އިނގުރައިދޫ ޒުވާނެއްގެ ފައި ބުރިވެއްޖެއެވެ.
ހާދިސާއާ ގުޅިގެން އިނގުރައިދޫ ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ ހަސަން ''ވަން'' އަށް ވިދާޅުވީ އެ ހާދިސާ ހިނގާފައިވަނީ އިނގުރައިދޫ އުތުރުން ޖެހިގެން އޮތް ތިލައަކަށް، ހަތަރު ޒުވާނަކު ފީނަން ގޮސް އުޅުމުގެ ތެރޭގައި ޑިންގީއެއްގެ ބުރަފަތީގައި ޖެހިގެންނެވެ. އެ ހާދިސާގައި ފައި ބުރިވެފައިވަނީ އިނގުރައިދޫ ހުދާމާގެ، 27 އަހަރުގެ މުހައްމަދު ހަލީމެވެ.
އަދި އެ ޑިންގީއަކީ އިނގުރައިދޫން ފުރައިގެން އެއަތޮޅުގައި ހަދަމުންދާ ރިސޯޓެއް ކަމަށްވާ ކޮއްޓަފަރަށް ދަތުރުކުރި، ކޮއްޓަފަރު ޑިންގީއެއް ކަމަށް އަބްދުﷲ ހަސަން ވިދާޅުވިއެވެ.
އުނގޫފާރު ހޮސްޕިޓަލް ހިންގުމާ ހަވާލުވެ ހުންނެވި ހުސައިން ޝިހާމް ''ވަން'' އަށް ވިދާޅުވީ، އިނގުރައިދޫ ޒުވާނެއްގެ ފައި ބުރިވެގެން މިއަދު ހަވީރު 5:30 ހާއިރު އެ ހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށެވެ. އަދި ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ފައިގެ ކަށިމަތިން އެއްކޮށް ބުރިވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ފައިބުރިވި ޒުވާނާ މިހާރު އޮތީ އޮޕަރޭޝަން ތިއޭޓަރުގައި ކަމަށާއި އޭނާ މާލެ ފުރުވާލުމަށްޓަކާ ވާންޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށް ވެސް ޝިހާމް ވިދާޅުވިއެވެ.