ދުނިޔެ

އީޔޫއިން ވަކިވުމާއި ދެކޮޅަށް އިނގިރޭސި ވަޒީރަކު އިސްތިއުފާ ދެއްވައިފި

މުހައްމަދު އައުޒަމް

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން އިނގިރޭސިވިލާތް ވަކިވުމާއި ދެކޮޅުހަދާ އެގައުމުގެ މިނިސްޓަރ ޖޯ ޖޯންސަން އިސްތިއުފާ ދެއްވައިފިއެވެ.

އީޔޫ އިން ވަކިވުމަށް އިނގިރޭސި ބޮޑުވަޒީރު ތެރޭސާ މޭ އިސްވެގެން ކުރައްވަން ފެއްޓެވި މަސައްކަތްޕުޅުގެ ސަބަބުން އިނގިރޭސި ސަރުކާރުގެ ގިނަ އިސްފަރާތްތަކެއް ދަނީ މަގާމުތަކުން ދުރުވަމުނެވެ.

އިނގިރޭސި ފޮރިން ސެކެޓްރީ ބޮރިސް ޖޯންސަން ވެސް ވަނީ މިދިޔަ ޖުލައި މަހު އިސްތިއުފާދެއްވާފައެވެ. ބޮރިސް ޖޯންސަން އަކީ ޖޯ ޖޯންސަންގެ ބޭބެއެވެ.

ޖޯ ޖޯންސަން އިސްތިއުފާދެއްވުމަށްފަހު އޮންލައިންކޮށް ޝާއިރުކުރެއްވި ވީޑިއޯއެއްގައި ވަނީ ތެރޭސާ މޭ އިސްކޮށް ހުންނަވައިގެން ފައްޓަވާފައިވާ އީޔޫއިން ބޭރުވުމުގެ ނިންމެވުމާއި މެދު ހިތްހަމަނުޖެހުން ފާޅުކޮށް އެކަމުން ގައުމަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެ ކަމަށް ފާހަގަ ކޮށްފައެވެ.

ޖޯ ޖޯންސަން އިސްތިއުފާދެއްވުމަށްފަހު އޮންލައިންކޮށް ޝާއިރުކުރެއްވި ވީޑިއޯ

ޖޯންގެ ވީޑިއޯގައި ތެރޭސާ މޭ އިޔޫ އިން ވަކިވުމާއި ގުޅޭގޮތުން ނިންމާފައިވާ ނިންމުނަށް އިނގިރޭސި ޕާލިމެންޓުގައި ދެކޮޅަށް ވޯޓްދޭން ނިންމަވާފައިވާކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

ޖޯ ޖޯންސަންގެ އިސްތިއުފާގެ ސަބަބުން ތެރޭސާ މޭ އަށް ސިޔާސީ ގޮތުން ދަތިތަކެއް ކުރިމަތިވާނެއެވެ. އިނގިރޭސިން އިޔޫއިން ވަކިވުމާއި މެދު ޕާލިމެންޓުން ގޮތެއް ނިންމަންޖެހިފައިވާއިރު، ބޭނުންވާ މިންވަރަށް ވޯޓު ނުލިބިދާނެ ކަމުގެ އިޝާރާތްތަށް ވަނީ ފެންނަން ފަށާފައެވެ.