ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަން ނިމުމަކަށް ގެނައުމަށްޓަކައި އަވަށްޓެރި ގައުމުތަކުން ވެސް ހަރަދުކުރި ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.
ޗެނަލް13 އިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަން ބަދަލު ކުރުމަށް، ރިޔާސީ އިންތިހާބަށް ބޭރުގެ އެކި ގައުމުތަކުން ފަންޑު ކުރި ކަމަށާއި އެކަންތައް ދިޔަ ގޮތް އެނގޭ ކަމަށެވެ. ނަމަވެސް އެއީ ކޮން ގައުމުތަކެއް ކަމެއް އޭނާ ވިދާޅެއް ނުވެއެވެ. އަދި ވިދާޅުވީ، ބޭރު ގައުމުތަކުން ހަރަދުކުރީ ކިހާ ފައިސާއެއް ކަމެއް ވެސް ނޭނގޭ ކަމަށެވެ.
"މިބޭފުޅުން، ބޮޑެތި ގައުމުތައް އަޑީގައި އޮވެ، ފައިސާގެ ނުފޫޒާއި، ހުރިހާ އެއްޗެއް ވަދެ އޮތް އިންތިހާބެއް 2018ގެ އިންތިހާބަކީ," ޝިޔާމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަން ބަދަލު ކުރަން ބައެއް ގައުމުތަކުން ބޭނުންވިޔަސް، އެމަނިކުފާނުގެ ހާރިޖީ ސިޔާސަތު ވަރަށް ކާމިޔާބު ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ރައީސް ޔާމީންގެ ވެރިކަމުގައި ގިނަ އިންވެސްޓްމަންޓުތަކެއް ރާއްޖެ އައުން ކަމަށް ވިދާޅުވިއެވެ.
ޝިޔާމް އިތުރަށް ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތް ދުނިޔެއިން ބަލަމުން އަންނަ ކަމަށާއި އެމަނިކުފާނަށް ހެޔޮ އެދޭ ލީޑަރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި ކަަމަށެވެ. އެހެންކަމުން، ރައީސް ޔާމީންގެ ޝަރީއަތް ހިންގުމުގައި ދައުލަތަށް "ބޭނުންހާ އެއްޗެއް" ނުހެދޭނެ ކަމަށް ވިދާޅުވިއެވެ.