ގދ.ތިނަދޫގައި އިމާރާތްކޮށްފައިވާ ފުލެޓްތަކުގެ ތެރެއިން ކެޓެގަރީ ބީ ގެ ފުލެޓް ތަކަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ފުލެޓް ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓު އާންމުކޮށްފިއެވެ.
ސަރުކާރުގެ ގެދޮރިވެރި ކުރުމުގެ ޕްރޮގުރާމުގެ ދަށުން ތިނަދޫގައި 120 ފުލެޓު ވަނީ އިމާރާތް ކޮށްފައެވެ. އޭގެ ތެރެއިން "އޭ" ކެޓެގަރީގައި ހިމެނޭ 80 ފްލެޓު ހާއްސަކޮށްފައި ވަނީ ތިނަދޫ ރަށްވެހިންނަށެވެ. "ބީ" ކެޓެގަރީގައި ހިމެނޭ 25 ފްލެޓު ހާއްސަކޮށްފައި ވަނީ ތިނަދޫއަށް ހިޖުރަ ކުރާ މީހުންނަށެވެ. އަދި ބާކީ 15 ފްލެޓު ވިއްކަން ސަރުކާރުން ވަނީ ހަމަޖައްސާފައެވެ.
ތިނަދޫ ކައުންސިލުން ވަނީ މިދިޔަ އާދިއްތަ ދުވަހު އެރަށުގައި އިމާރާތްކޮށްފައިވާ ފުލެޓުތަކުގެ ތެރެއިން ކެޓެގަރީ ބީގެ ފުލެޓުތައް ލިބޭ ފަރާތްތަކުގެ ޕޮއިންޓް ލިސްޓު އާންމުކޮށް މިމަހު 14ގެ ނިޔަލަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ.
އާދިއްތަ ދުވަހު ތިނަދޫ ކައުންސިލުން ނެރުނު އިއުލާނުގައިވާ ގޮތުން ފުލެޓަށް ޝަރުތު ހަމަވާ 232 މީހުން ތިބި އިރު، ޝަރުތު ހަމަނުވާ 19 މީހަކު ހިމެނެއެވެ.
ފުލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު އާންމު ކުރާނެ ދުވަހެއް ތިނަދޫ ކައުންސިލުން އަދި ހާމަކޮށްފައި ނުވާއިރު، ވަގުތީ ލިސްޓަށް ޝަކުވާ ހުށަހަޅާ ނިމުމުން ލިސްޓަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށްފަހު ދާއިމީ ލިސްޓު އާންމުކުރާނެ ކަމަށް އެ ކައުންސިލުން ބުނެއެވެ.