ޚަބަރު

ތިނަދޫ އިންޑަސްޓްރިއަލް ޒޯންގެ 88 ޕަސެންޓު މަސައްކަތް ނިންމާލައިފި

ފާތިމަތު ލިޔުޝާ

ގދ. ތިނަދޫ އިންޑަސްޓްރިއަލް ޒޯން ތަރައްގީކުރުމުގެ މަޝްރޫއުގެ 88 ޕަސެންޓު މަސައްކަތް ނިންމާލައިފިއެވެ.

އެ މަޝްރޫގެ ކޮންޓްރެކްޓަރު އެމްޓީސީސީން އިއްޔެ ބުނީ އެ މަޝްރޫއުގެ ދަށުން ކުރިޔަށްގެންދާ މަސައްކަތުގެ ތެރެއިން ރިވެޓްމަންޓް ޖެހުމުގެ މަސައްކަތުގެ 77 ޕަސެންޓުގެ މަސައްކަތާއި އެއްގަމު ތޮށި ޖެހުމުގެ މަސައްކަތުގެ 96 މަސައްކަތް ނިމިފައިވާ ކަމަށެވެ.

އޭގެ އިތުރުން ވެސް ކޮންކްރީޓް ބްރިޖް ހެދުމުގެ މަސައްކަތުގެ 65 ޕަސެންޓު ނިންމާފައިވާ ކަމަށް އެކުންފުނިން ބުންޏެވެ.

ހައުސިން މިނިސްޓްރީން ތިނަދޫ ބިން ހިއްކަން އެމްޓީސީސީއަށް ހަވާލުކުރީ 2022 ޖެނުއަރީގައެވެ. ތިނަދޫ އިންޑަސްޓްރިއަލް ޒޯނުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތް ފެށީ ދޭއް ނޮވެމްބަރު 2022 ގައެވެ.

ތިނަދޫ ބިން ހިއްކުމަށް އެމްޓީސީސީއާ ހަވާލުކުރީ 660 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. އެ މަޝްރޫއަށް 125 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވެއެވެ.

މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތައް:

  • 10.6 ހެކްޓަރުގެ ބިން ހިއްކުން
  • 1521 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުން
  • 555 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށިލުން
  • 166 މީޓަރުގެ ޝީޓް ޕައިލް މަސައްކަތް
  • 4492 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން
  • ބޮލާރޑާއި ފެންޑަރާއި ބައްތި ހަރުކުރުމުގެ މަސައްކަތް ކުރުން