މޯލްޑިވްސް މީޑިއާ ކައުންސިލް

''އަޑަފި'' އަދި ''ފަސޭހަ'' އެޕްލިކޭޝަން ހިންގާ ފަރާތުގެ މައުލޫމާތު ހޯދަން މީޑިއާ ކައުންސިލުން އިއުލާނުކޮށްފި

މަރިޔަމް ޝަހުދާ

ރާއްޖޭގައި ނެރޭ އޮންލައިން ނޫސްތައް އެއްތަނަކުން ކިޔާލެވޭގޮތަށް ތައްޔާރުކޮށްފައިވާ ދެ އެޕްލިކޭޝަން ކަމަށްވާ ''އަޑަފި'' އަދި ''ފަސޭހަ'' ހިންގާ ފަރާތެއްގެ މައުލޫމާތު ހިއްސާކުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން އިއުލާނުކޮށްފި އެވެ.

އެ ކައުންސިލުން އިއްޔެ އާންމު ކުރި އިއުލާނެއްގައި ބުނެފައިވަނީ މި ދެ އެޕްލިކޭޝަންގެ މައުލޫމާތު ސާފުކުރުމަށް ކައުންސިލުން ނިންމާފައިވަނީ އެ ދެ އެޕްލިކޭޝަނާ ގުޅިގެން އެ ކައުންސިލަށް ޝަކުވާ ހުށަހަޅާފައިވާތީ ކަމަށެވެ. އެ ގޮތުން ރާއްޖޭގައި ހިންގާ އޮންލައިން ނޫސްތަކުގެ ހަބަރުތަކާއި އެހެން އާޓިކަލްތައް މި ދެ އެޕްލިކޭޝަނުގައި ހިމަނައި ވިޔަފާރީގެ ނަފާ ހޯދަމުން ދަނީ އެ ނޫސްތަކުގެ އިޒުނަ ނުހޯދައި ކަމުގެ ޝަކުވާ ހުށަހަޅާފައިވާ ކަމަށް މީޑިއާ ކައުންސިލުން ބުނެ އެވެ.

މީޑިއާ ކައުންސިލުން ބުނި ގޮތުގައި ހުށަހަޅާފައިވާ ޝަކުވާ ބެލުމަށް މި ދެ އެޕްލިކޭޝަން ހިންގާ ފަރާތެއްގެ މައުލޫމާތު އެ ކައުންސިލަށް ސާފުވާގޮތް ވަނީ ނުވެފައެވެ. އެހެންކަމުން އަންނަ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން މީޑިއާ ކައުންސިލަށް ހާޒިރުވެ މި ދެ އެޕްލިކޭޝަން ހިންގާ ފަރާތުން އެ ފަރާތެއްގެ މައުލޫމާތު ހިއްސާ ކުރުމަށް ކައުންސިލުން އެދެއެވެ. އަދި އެ ކައުންސިލަށް ހާޒިރު ވެވެން ނެތް ނަމަ ކައުންސިލުގެ ނަންބަރު 7967919 ނުވަތަ 3003995 އަށް ގުޅައިގެން މައުލޫމާތު ހިއްސާ ކުރުމަށް މީޑިއާ ކައުންސިލުން އެދެއެވެ.

''އަޑަފި'' އަދި ''ފަސޭހަ'' އެޕްލިކޭޝަނަކީ ރާއްޖޭގެ ގިނަ ނޫސްތަކެއް އެ އެޕްލިކޭޝަން ތަކުން ބަލައިލެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ދެ އެޕްލިކޭޝަންއެވެ.