ކުއްލި ޚަބަރު

ޖިންސީ ފުރައްސާރައިގެ ތުހުމަތަށް ހައްޔަރުކުރި ކޯޗު ފުލުހުންގެ އިހުމާލުން ދޫވެއްޖެ

ޝަހީދާ އަބްދުﷲ ސައީދު

ކުޑަކުދިން ތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ގައުމީ ކްރިކެޓް ޓީމުގެ ކޯޗު އާސިފް ޚާން ފުލުހުންގެ އިހުމާލުން ދޫވެއްޖެއެވެ.

ސައުތު އެފްރިކާ ރައްޔިތެއް ކަމަށްވާ އާސިފް، 46، ފުލުހުން ހައްޔަރުކުރީ ރާއްޖެއިން ފުރަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުއްޓައި އިއްޔެއެވެ. އޭނާ ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުދިންނާއި އަދި 18 އަހަރުން މަތީގެ އަންހެނުންނަށް ޖިންސީ ފުރައްސާރަ ކުރި ކަމުގެ ތުހުމަތުގައެވެ.

އެނގިފައިވާ ގޮތުގައި ސްކޫލުތަކުގެ އަންހެން ކްރިކެޓް ކުޅުންތެރިންގެ ޓްރެއިނިންތަކުގައި ބައިވެރިވާ އަންހެން ކުދިންނަށް އާސިފް ޖިންސީ ފުރައްސާރަކުރާ ކަމުގެ ޝަކުވާ ބެލެނިވެރިން ކޮށްފައިވެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު މިރޭ ވިދާޅުވީ، ޖިންސީ ފުރައްސާރަ ކުރުމުގެ މައްސަލައެއްގައި އިއްޔެ ހައްޔަރުކުރި 46 އަހަރުގެ ދެކުނު އެފްރިކާގެ ފިރިހެނެއްގެ ބަންދުގެ މުއްދަތު ޖަހަން މިއަދު މެންދުރު ކޯޓަށް ހާޒިރުކުރިއިރު، އޭނާ ހައްޔަރުކުރިތާ 24 ގަޑިއިރު ހަމަވެފައިވާތީ އޭނާ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

ނަމަވެސް އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށާއި 30 ދުވަސް ވަންދެން ފުރުން މަނާކޮށްފައިވާތީ އޭނާ ހުރީ ރާއްޖޭގައި ކަމަށް އޮފިޝަލު ވިދާޅުވިއެވެ. އަދި އެމައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށް ވެސް ވިދާޅުވިއެވެ.

ފުލުހުންގެ އޮފިޝަލު އިތުރަށް ވިދާޅުވީ، އޭނާ ކޯޓުން ދޫވާން ދިމާވި ސަބަބު ބަލަމުން އަންނަ ކަމަށާއި އެކަން ތަކުރާރުވިޔަ ނުދިނުމަށް ކުރަންޖެހޭ ކަންކަން ކުރަމުންދާ ކަމަށެވެ.