ކުއްލި ޚަބަރު

ފުރުން މަނާކޮށް އަމުރު ނެރެފައިވާ އަންހެނަކު، ދަރިފުޅާއެކު ރާއްޖެއިން ފުރައިފި

ޝަހީދާ އަބްދުﷲ ސައީދު

4

އާއިލާއާ ބެހޭ ކޯޓުން ބަލަމުންދާ މައްސަލައެއްގައި އެ ކޯޓުން ފުރުން މަނާކޮށް އަމުރު ނެރެފައިވާ އަންހެނަކު ދަރިފުޅާއެކު ރާއްޖެއިން ފުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

އެނގިފައިވާ ގޮތުގައި އާއިލާއާ ބެހޭ ކޯޓުން ބަލަމުންދަނީ، އެ އަންހެން މީހާ އާއި އޭނާގެ ފިރިމީހާއަށް ލިބުނު ތިން އަހަރުގެ ދަރިފުޅު ހޯދަން އެދި ފިރިހެން މީހާ ހުށަހެޅި މައްސަލައެކެވެ.

އެގޮތުން މިދިޔަ މަހުގެ 26 ގައި އާއިލާއާ ބެހޭ ކޯޓުން ވަނީ ކުއްޖާގެ ހަޟާނަތު ހޯދުމަށް އެދި ފައިސަލާ ކުރަނިވި ހުކުމެއް ކުރެވެންދެން އެ ދެމަފިރިންނަށް ލިބިފައިވާ ދަރިފުޅު ގޮވައިގެން ރާއްޖެއިން ބޭރަށް ފުރައިގެން ނުދިއުމަށް އަމުރުކޮށްފައެވެ.

ނަމަވެސް އެ މައްސަލާގައި ފުރުން މަނާކޮށްފައި ވަނިކޮށް، އަންހެން މީހާ އޭނާގެ ތިން އަހަރުގެ ދަރުފުޅާއެކު މިމަހުގެ އެއްވަނަ ދުވަހު ފުރައިގެން ދިޔައީ އިނގިރޭސިވިލާތަށެވެ.

''ވަން'' އަށް މައުލޫމާތު ދެއްވަމުން އިމިގްރޭޝަންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ، އެފަދަ މައްސަލައެއް ހުށަހަޅާފައިވާތީ އެކަން އިމިގްރޭޝަނުން ބަލަމުންދާ ކަމަށެވެ. އަދި ބަލަމުންދާ މައްސަލައަކަށްވާތީ، އިތުރު މައުލޫމާތު މިވަގުތު ހާމަކުރެވެން ނެތް ކަމަށް ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟