މާބަނޑު މީހުންނަށް ހާއްސަ މައުލޫމާތު ދިނުމުގެ ކުލާސްތަކެއް ފެށުމަށް އައިޖީއެމްއެޗުން ނިންމައިފިއެވެ.
މި ކުލާސްތައް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ ކޮންމެ މަހެއްގެ ހޮނިހިރު ދުވަސްތަކަށް ބަހާލައިގެން ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތުދެއެވެ.
އައިޖީއެމްއެޗުން ބުނީ ކޮންމެ މަހެއްގެ ފުރަތަމަ އަދި ތިންވަނަ ހޮނިހިރު ގައި ހެނދުނު 10 އަކުން 11 އަށް މާބަނޑު ބޭފުޅުންނަށް ބޭނުންވާ ދުޅަހެޔޮ ކާނާގެ މައުލޫމާތު ދިނުން ކުރިއަށްގެންދާނެ ކަމަށާއި އަދި މެންދުރު 12 އިން އެކަކަށް މާބަނޑު ބޭފުޅުންގެ ކަސްރަތާ ބެހޭގޮތުން މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންދާނެ ކަމުގައެވެ. އަދި އެ ދެ ދުވަހުގެ މެންދުރުފަހު ދެޔަކުން ތިނަކަށް ވިހެއުމާއި ވިއްސާ ކޮޓަރީގެ މައުލޫމާތު ދިނުން ކުރިއަށްގެންދާނެ ކަމަށްވެސް އައިޖީއެމްއެޗުން މައުލޫމާތު ދެއެވެ.
މީގެ އިތުރުން ކޮންމެ މަހެއްގެ ދެވަނަ އަދި ހަތަރުވަނަ ހޮނިހިރުގައި ހެނދުނު 10 އަކުން 11އަށް ތުއްތު ދަރިފުޅު ބެލެހެއްޓުމާ ބެހޭގޮތުން މާބަނޑު މީހުންނަށް މައުލޫމާތު ދޭނެ ކަމަށް އައިޖީއެމްއެޗުން ބުނެއެވެ. އަދި އެ ދެ ދުވަހުގެ މެންދުރު 12 އިން އެކަކަށް ކުރިއަށްގެންދާނީ ތުއްތު ދަރިފުޅަށް ގާތުން ކިރުދިނުމާ ބެހޭގޮތުން މައުލޫމާތު ދިނުން ކަމުގައި ވެސް އެ ހޮސްޕިޓަލުން ބުނެއެވެ.
މި ކުލާސްތައް ފެށުމަށް ހަމަޖައްސާފައިވާ ގަޑިއަށް އައުމުން ކޮންމެ މީހަކަށްވެސް ކުލާހުގައި ބައިވެރިވެވޭނެ ކަމަށް އައިޖީއެމްއެޗް ހޮސްޕިޓަލުން މައުލޫމާތުދެއެވެ.