ބިދޭސީންގެ މައްސަލަތައް

ބިދޭސީންގެ މައްސަލަ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ބަލަން ފަށައިފި

އިބްރާހިމް ޒަކީ

ގަވާއިދާ ހިލާފަށް ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނާ ގުޅޭ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ދިރާސާ ކުރަން ފަށައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ ބައްދަލުވުމެއް މިއަދު ހެނދުނު 10:00ގައި ފަށާފައިވާ ކަމަށާއި، ގަވާއިދާ ހިލާފަށް ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނާ ގުޅޭ މައްސަލަ ދިރާސާ ކުރުމަށް އެޖެންޑާކޮށް އެކަމުގެ ބަހުސް ކުރިއަށްދާ ކަމަށެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް ހުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަލުން ރަޖިސްޓްރީކޮށް ގަވާއިދުގެ ތެރެއަށް ވަނުމަށް އިކޮނޮމިކް މިންސްޓްރީން ވަނީ ފުރުސަތު ހުޅުވާލައި، އެފަދަ ފަރާތްތައް ރަޖިސްޓްރީކުރަން ފަށައިފައެވެ.

މިނިސްޓްރީ ފެށި އެ ޕްރޮގްރާމްގެ ދަށުން ރެޖިސްޓްރީވާން އަންނަ ބިދޭސީންގެ އަދަދު އިންތިހާއަށް އިތުރު ވުމާ ގުޅިގެން، ކުރީގެ އެޓާނީ ޖެނެރަލްގެ އޮފީސް ހުރި އިމާރާތުގައި ކުރިއަށް ގެންދިޔަ އެ މަސައްކަތް ގަލޮޅު ދަނޑަށް ބަދަލު ކޮށް އިއްޔެއިން ފެށިގެން އެ މަސައްކަތް ކުރިޔަށް ގެންދަނީ ގަލޮޅު ދަނޑުގަ އެވެ.

ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތަކުގެ ދަށުން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެކަމަށްޓަކައި ވަނީ ހާއްސަ ޓާސްކް ފޯހެއް ވެސް އުފައްދަވައިފައެވެ. އަދި ބިދޭސީން ގެނައުމުގައި ކުރިން އިމިގްރޭޝަން ޑިޕާޓްމަންޓުން ކުރަމުންދިޔަ ބައެއް މަސައްކަތްތައް ވަނީ އިކޮނޮމިކް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައެވެ.