އަންނަ މަހުގެ 15ގެ ކުރިން މާލެ ސަރަހައްދުގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ބަޔޯމެޓްރިކްސް އަޕްޑޭޓް ކުރަން އަންގައި، ބަޔޯމެޓްރިކްސް ނުދޭ ނަމަ، ސިސްޓަމުން ސަސްޕެންޑުކުރުމަށް ނިންމައިފިއެވެ.
ރާއްޖޭގައި އުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ހޯމް މިނިސްޓްރީން ފަށާފައިވާ "އޮޕަރޭޝަން ކުރަނގި" ގެ ބޮޑު ހަރަކާތެއް މާލެ ސަރަހައްދުގައި ފެށީ މިދިޔަ މަހުގެ 18 ގައެވެ.
ހޯމް މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ މާލެ ސަރަހައްދުގައި ވަޒީފާ އަދާކުރާ ހުރީހާ ބިދޭސީންގެ ބަޔޯމެޓްރިކްސް (ފިންގާޕްރިންޓް އަދި ފޮޓޯ) އަޕްޑޭޓް ކުރުމުގެ މަސައްކަތް އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ވަޒީފާދޭ ފަރާތުން ހޯމް މިނިސްޓްރީގެ ޑިޕާޓްމަންޓު އޮފް ފޮރިން ލޭބާއާ ގުޅިގެން ކުރިއަށްގެންދަން ޖެހޭނެ ކަމަށެވެ.
އެ މުއްދަތުގެ ތެެރޭގައި ބަޔޯމެޓްރިކްސް އަޕްޑޭޓް ނުކުރާ ފަރާތްތައް އެކްސްޕެކްޓް ސިސްޓަމުން ސަސްޕެންޑުކޮށް ހިދުމަތް މެދުކަނޑާލާނެ ކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ.
ގްރޭޓާ މާލެ ސަރަހައްދުގައި ބިދޭސީންގެ ބަޔޯމެޓްރިކްސް ނެގުމާއި އޮޕްރޭޝަން ކުރަނގީގެ ދަށުން ސަރުކާރުން ތަންފީޒުކުރުމަށް އެކަށައަޅާފައިވާ އެންމެހާ ކަންކަން ވިލަރެސްކޮށް ކޯޑިނޭޓް ކުރަމުންދަނީ ނޭޝަނަލް ސެންޓާ ފޯ އިންފޯމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ)ގައި އެ އޮޕްރޭޝަނަށް ހާއްސަކޮށް ގާއިމުކޮށްފައިވާ ޖޮއިންޓް އޮޕަރޭޝަން ސެންޓަރުންނެވެ.
އެ ސެންޓަރުގެ ހިދުމަތްދެމުންދަނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ 9:00 އިން 22:00 އަށެވެ. އިތުރު މައުލޫމާތު 7690228 އިން ލިބެނެ ކަމަށް މިނިސްޓްރީން ބުނެއެވެ.