ކ. ހުރާގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 46 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން މިއަދު ބުނީ ރަށްރަށުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް، އިއްޔެ ހެނދުނު 6:00 އިން ހަވީރު 5:00 އަށް ޓާސްކުފޯހުން ހުރާގައި ހާއްސަ ރެއިޑު އޮޕަރޭޝަނެއް ކުރިއަށްގެންދިޔަ ކަމަށެވެ.
"މި އޮޕަރޭޝަނުގައި، ހުރާގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 46 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވަނީ ގެނެވިފައި،" އިމިގްރޭޝަނުން ބުންޏެވެ.
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ މަސައްކަތް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން މިދިޔަ އަހަރުގެ މެއި 10 ވަނަ ދުވަހު ފަށާފައިވާ އިރު، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ހަވަނަ ދުވަހު އާޓިފިޝަލް ބީޗުގައި ބިދޭސީންތަކެއް މާރާމާރީ ހިންގި މައްސަލައިގައި އިމިގްރޭޝަނުން ވަނީ ބިދޭސީން ގިނައިން އެއްވެ އުޅޭ ތަންތަން ބަލައި ފާސްކޮށް ވެސް ގަވާއިދަށް ފައްތަން މަސައްކަތްތަކެއް ފަށައިފައެވެ.
ދާއިމީ ހައްލެއް ހޯދިފައި ނެތް ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމަށް މި ސަރުކާރުން ފެށި މަސައްކަތުގެ ތެރެއިން ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ފިޔަވަޅު އަޅައި އެފަދަ ބިދޭސީންގެ ތެރެއިން މިދިޔަ އަހަަރު 5،000 ބިދޭސީން އަނބުރާ ގައުމަށް ވަނީ ފޮނުވާލައިފައެވެ.