މަސްވެރިކަން ކުރަން އުޅުނު މީހެއްގެ ލޮލަށް ބުޅިއެއް ހެރިއްޖެއެވެ.
މި ހާދިސާގެ މައުލޫމާތު މިއަދު ހެނދުނު 6:30 ހާއިރު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) އަށް ލިބުމާއެކު އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އުޅަނދެއް ވަނީ އެ ދޯނި އޮތް ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައި ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.
އެމްއެންޑީއެފުން ބުނީ، ބުޅި ހެރުނީ ޅ. ދިއްފުށިމާދޫގެ އިރުން، އަށް ނޯޓިކަލް މޭލު ބޭރުގައި މަސްވެރިކަން ކުރަމުން ދިޔަ "ހަނދުވަރީ" ނަމަކަށް ކިޔާ ދޯނީގައި ހުރި 42 އަހަރުގެ ދިވެހި ފަޅުވެރިޔެއްގެ ލޮލަށް ކަމަށެވެ. އަދި މިއަދު 08:09 ހާއިރު އެމީހާ ސިއްހީ އަވަސް ފަރުވާއަށް އެމްއެންޑީއެފް ނޮދަން އޭރިއާގެ އެހީތެރިކަމާއެކު ސީއެމްބިއުލެންސްގައި ވަނީ ޅ. ނައިފަރަށް ގެންގޮސްފައި ކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.
މިކަމާ ގުޅޭގޮތުން "ވަން" އަށް މައުލޫމަތު ދެއްވަމުން ޅ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު ވިދާޅުވީ ފަޅުވެރިޔާ ހޮސްޕިޓަލަށް ގެންދިޔައީ ބުޅިއަކުން ލޮލުގައި ޖެހިގެން ކަމަށާއި މިހާރު އެމީހާގެ ހާލު ރަނގަޅު ކަމަށެވެ. ނަމަވެސް އެ ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މާލެ ނުވަތަ އުނގޫފާރަށް ފޮނުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.