ގަވައިދާ ހިލާފަށް ރާއްޖޭގައި ބިދޭސީން ދިރިއުޅެމުން އަންނަ މައްސަލައަށް ހައްލެއް ގެނައުމަށް އިކޮނޮމިކް މިނިސްޓްރީން ފެށި 'ރެގިއުލަރައިޒޭޝަން ޕްރޮގްރާމް'ގެ ދަށުން ''ގަވައިދުގެ ތެރެއަށް'' ވަނުމަށް ބިދޭސީން ރަޖިސްޓްރީ ވުމަށް ދޫކުރަމުން އައި ޓޯކަން ނަންބަރު ގަލޮޅު ދަނޑުން ދޫކުރަން ފެށުމާއެކު ބީދޭސީން ދަނޑު ފުރާލައިފި އެވެ.
މިއަދު ހެނދުނު ނުވަޔަކުން ހަވީރު ފަހެއްގެ ނިޔަލަށް ގަލޮޅު ބޯޅަ ދަނޑުން ޓޯކަން ދޫކުރުމަށް ހަމަޖައްސާފައިވާއިރު، އެ ސަރަހައްދުން ބިދޭސީން ރަޖިސްޓްރީ ކުރުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ. ގިނަ އަދަދެއްގެ މުވައްޒަފުން ބިދޭސީން ރަޖިސްޓްރީ ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރި ވަމުން އަންނަ އިރު، ރަޖިސްޓްރީ ވުމަށް އަންނަ ބިދޭސީން ފޯމެއް ފުރުވައި އެމީހުންގެ ފޮޓޯ މުވައްޒަފުންގެ ފޯނުން ނަގައެވެ. އަދި ރަޖިސްޓްރީ ވުމަށް އައިސްފައިތިބޭ ބިދޭސީން ދެނެގަތުމަށް މިނިސްޓްރީން އަންނަނީ ބިދޭސީންގެ އިނގިލީގައި މާކަރަކުން ފާހަގައެއް ޖަހަމުންނެވެ.
އިކޮނޮމިކް މިނިސްޓްރީ އިން މިއަދު މި ހިދުމަތް ދިނުމުގެ މަސައްކަތް ގަލޮޅު ދަނޑަށް ބަދަލުކޮށްފައިވަނީ ގިނަ އަދަދެއްގެ ބިދޭސީން ދޭހާ އަތްވަކާއި ވެހޭހާ ވާރެއެއްގައި މަގުމަތީގައި ކިއު ޖެހިފައި ތިބޭ ތިބުން ނިމުމަކަށް ގެނައުމަށްޓަކަ އެވެ. އެގޮތުން ރަޖިސްޓްރީ ވުމަށް ބޭނުންވާ ބިދޭސީން ކިއުގައި ޖެހުމަށް ހުޅުވާލާފައިވަނީ މިއަދު ހެނދުނު އެވެ.
7:30 ގައި ކިއުގައި ޖެހުމުގެ ފުރުސަތު ހުޅުވާލުމާއެކު ގިނަ އަދަދެއްގެ ބިދޭސީން ގަލޮޅު ދަނޑުގައި ކިއުގައި ޖެހިފައެވެ. އަދި މިހާރުވެސް އެތައް ސަތޭކަ ބިދޭސީން އަންނަނީ ކިޔުގައި ޖެހެން ދަނޑަށް ވަންނަމުންނެވެ. މީހުން އާދަޔާ ހިލާފަށް ގިނަވުމުން އެ ސަރަހައްދު ބެލެހެއްޓުމަށް ފުލުހުން ވެސް އަންނަނީ އެހީތެރިވަމުންނެވެ.
މި ޕްރޮގްރާމަކީ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އިކޮނޮމިކް މިނިސްޓްރީން ދާދި ފަހުން ފެށި ޕްރޮގްރާމެކެވެ. އެ މިނިސްޓްރީން ދާދި ފަހުން ވަނީ އެކި ގައުމު ތަކުން ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނަށް ކޯޓާ ލިމިޓު ތަކެއް ވެސް ކަނޑައަޅާފަ އެވެ. ބިދޭސީންގެ މައްސަލަ ހައްލު ނުވެއްޖެ ނަމަ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ދާދި ފަހުން ވަނީ ވިދާޅުވެފަ އެވެ.
ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ގަވައިދާ ހިލާފަށް މަސައްކަތް ކުރާ ބިދޭސީންގެ މައްސަލަ ހައްލު ކުރަން ހާއްސަ ޓާސްކް ފޯހެއް ވެސް އުފައްދަވައިފައެވެ. އަދި ބިދޭސީން ގެނައުމުގައި ކުރިން އިމިގްރޭޝަން ޑިޕާޓްމަންޓުން ކުރަމުންދިޔަ ބައެއް މަސައްކަތްތައް ވަނީ އިކޮނޮމިކް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައެވެ.
ބިދޭސީންގެ މައްސަލަތައް ހައްލު ކުރުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ.