ސައުދީ ނޫސްވެރިޔާ ޖަމާލް ޚަޝޯގީގެ ހަށިގަނޑު ހޯދުމުގެ މަސައްކަތް ހުއްޓާލައިފައިވާ ކަމަށް ތުރުކީ ފުލުހުން ބުނެފިއެވެ.
ޚަޝޯގީގެ ހަށިގަނޑު ހޯދުމުގެ މަސައްކަތް ހުއްޓާލައިފައިވީ ނަމަވެސް ޚަޝޯގީގެ މަރުގެ ތަހުގީގު ހުއްޓާނުލާ ކުރިއަށް ދާނެކަމަށް ތުރުކީގެ ފުލުހުން ވަނީ ހާމަކޮށްފައެވެ.
ޚަޝޯގީ އަނިޔާވެރިކޮށް މަރާލާ ހަށިގަނޑުގެ ބައިތައް ބުރިކުރުމަށްފަހު ތުރުކީގެ ހުންނަ ސައުދީ ކައުންސިލް ޖެނެރަލް ހުންނަވާ ގޭގެ ގޯތިތެރޭގައި ވަނީ ވަޅުލާފައެވެ. ޚަޝޯގީގެ މަރު ތަހުގީގުކުރަމުންދިޔަ ތުރުކީ އޮފިޝަލުންނަށް ވަނީ ޚަޝޯގީގެ ހަށިގަނޑުގެ ބައިތައް ވަޅުލާފައިވާ ވަޅުގަނޑުން ނުރައްކާތެރި އެސިޑާއި ކެމިކަލްގެ އަސަރު ފެންނަން ހުރިކަމަށް ފާހަގަ ކުރެވިފައެވެ.
ތުރުުކީ ފުލުހުން ވަނީ ޚަޝޯގީގެ ހަށިގަނޑު ނައްތާލުމަށް އެސިޑާއި ނުރައްކާތެރި ކެމިކަލެއް ބޭނުން ކޮށްފައިވާ ކަމަށް ޔަގީންވާ ކަމަށް ބުނެފައެވެ.
ސައުދީގެ ނޫސްވެރިޔާ ޚަޝޯގީ މަރާލާފައި ވަނީ މިދިޔަ މަހުގެ 8 ވަނަ ދުވަހު ތުރުކީގައި ހުންނަ ސައުދީ ކޮންސުލޭޓު އޮފީސް ތެރޭގައެވެ.
ސައުދީން ފުރަތަމަ ވަނީ ޚަޝޯގީގެ މަރުވުމުގައި ސައުދީގެ އަތެއް ނުވާކަމަށް ދެއްކުމުގެ ގޮތުން އެކިފަހަރު އެކި ވާހަކަ ދައްކާފައެވެ. ސައުދީން ފުރަތަމަ ބުނެފައިވަނީ ޚަޝޯގީ ކޮންސުލޭޓުން ނުކުމެގެން ދިޔަ ކަމަށެވެ. ނަމަވެސް ތުރުކީން ޚަޝޯގީގެ މަރުގެ ތަހުގީގުގައި ބައިވެރިވި ހިސާބުން ސައުދީގެ ރާގު ބަދަލުވާން ފެށިއެވެ.
ސައުދީން ފަހުން ވަނީ ޚަޝޯގީ މަރުވީ ކޮންސުލޭޓު ތެރޭގައި ހިނގި ޒުވާބެއް ހޫނުވުމުގެ ސަބަބުންނެވެ. ނަމަވެސް ފަހުން ތަހުގީގުން އެނގިފައިވަނީ ޚަޝޯގީގެ މަރަކީ ކުރިން ރޭވިގެން ހިންގާފައިވާ ޖަރީމާއެއް ކަމެވެ.
ތުރުކީ އާއި ސައުދީ ތަހުގީގު ޓީމުތައް އެކުގައި ކުރި ތަހުގީގު ތަކުގައި ސައުދީން ކަންތައްތަކެއް ފޮރުވަމުން ދިޔަކަމަށް ތުރުކީގެ ރައީސް އޮރުދޮގާން ވެސް ވަނީ ބުނެފައެވެ. ޚަޝޯގީ އަނިޔާވެރިކޮށް މަރާލުމުގެ ފަހަތުގައި ސައުދީ ޝާހީ އާއިލާވާކަމަށް ތުހުމަތުކުރެވިފައި ވެއެވެ.
ޚަޝޯގީގެ މަރުގެ ތަހުގީގު ކުރިޔަށް ދާނެކަމަށް ތުރުކީން ބުނާއިރު މިހާތަނަށް ސައުދީން 18 މީހުން މި މައްސަލާގައި ހައްޔަރު ކޮށްފައިވާކަމަށް މައުލޫމާތު ލިބެއެވެ.