އަލީ ރިފްޝާން
މިއަހަރު ނިމުމުން ޓީސީ ސްޕޯޓްސް ކްލަބު އުވާލާނެ ކަމަށާއި މިހާރު ދަރަނި އަދާކުރުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށް އެ ކްލަބުން ބުނެފިއެވެ.
"ޕީއެސްއެމް"އަށް ދެއްވި އިންޓަވިއުއެއްގައި ކުރީގެ ސްޕޯޓްސް ކޮމިޝަނަރު އަދި ޓީސީގައި އިސްކޮށް މަސައްކަތްކުރައްވާ އަހްމަދު ނަޝީދު (ޑޭވް) ވިދާޅުވީ ޓީސީ އޮތީ ވަރަށް އުނދަގޫ ހާލަތެއްގައި ކަމަށާއި މިއަހަރު ނިމުމުން އެ ކްލަބު އުވާލަން ނިންމާފައިވާ ކަމަށެވެ.
"ޓީސީއަށް އޮތީ ދަރަނި އަދާކޮށް، މިއަހަރަށްފަހު ކްލަބު އުވާލުން. މިވަގުތުގެ ހާލަތަކީ އެއީ. ކްލަބުތައް އޮތީ ވަރަށް ހާލުގައި. ހަރަދު ބޮޑުވުމުގެ ސަބަބުން ކްލަބުތަކަށް ފުޓުބޯޅައާ ދުރަށްދާން މުޖުބޫރުވާނެ،" އޭނާ ވިދާޅުވިއެވެ.
ޑޭވް ވިދާޅުވީ ކްލަބުތަކުގެ ހާލަތު ރަނގަޅު ކުރުމަށް މިދިޔަ ސަރުކާރުން މަސައްކަތްތަކެއް ކުރި ކަމަށާއި އެގޮތަށް މި ސަރުކާރުން ވެސް މަސައްކަތްކޮށްދިނުމަށް އެދޭ ކަމަށެވެ. އަދި މިދިޔަ ސަރުކާރުން ކުންފުނިތައް މެދުވެރިކޮށް ކޮންމެ އަހަރަކު ކްލަބުތަކަށް ދެމުންދިޔަ ތިން މިލިއަން ރުފިޔާ މިސަރުކާރުން ވެސް ދޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޑޭވް އެހެން ވިދާޅުވެފައިވާ އިރު، ސަރުކާރުން ކްލަބުތައް ހިންގުމަށް އަބަދު ފައިސާ ނުދެވޭނެ ކަމަށާއި ކްލަބުތައް އަމިއްލަ މަސައްކަތުން ހިންގަން ޖެހޭ ކަމަށް ދާދި ފަހުން ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު މަހުލޫފު ވަނީ ވިދާޅުވެފައެވެ.
ހަގު ކްލަބެއް ނަމަވެސް، ފާއިތުވެދިޔަ އަހަރުތަކުގައި ޓީސީން ވަނީ ގިނަ ކާމިޔާބީތަކެއް ހޯދައިފައެވެ. މާލީ ހާލަތު ގޯސްވުމުގެ ސަބަބުން ކުޅުންތެރިންނަށް މުސާރަ ލަސްވުމުގެ ޝަކުވާ ވެސް ކުރަމުންދެއެވެ. އެކަމުގެ ސަބަބުން ބައެއް ސީނިއާ ކުޅުންތެރިން ވަނީ ޓީސީ ދޫކޮށްލައިފައެވެ. އޭގެ އިތުރުން މިދިޔަ މަހު ޓީސީގެ ކޯޗު މުހައްމަދު އާތިފް (އާތީ) ވެސް ވަނީ މަގާމުން އިސްތިއުފާދީފައެވެ.
ފާއިތުވެދިޔަ އަހަރުތަކުގައި އެސްއޯއީގެ ދަށުން ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކްލަބުތަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިން ނަމަވެސް، މިއަހަރު އެ ކުންފުނިތަކުން އެއްބަސްވުންތައް އާކޮށްފައެއް ނުވެއެވެ. އެހެންކަމުން މިއަހަރު ކްލަބުތަކަށް ފައިސާ ދެމުންދިޔައީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިންނެވެ. އެފްއޭއެމް އިން ފައިސާގެ އެހީތެރިކަން ފޯރުކޮށްދެމުންދިޔަ ނަމަވެސް، ކްލަބުތަކުގެ މާލީ ހާލަތު ގޯސްކަން ފާހަގަކުރެވެއެވެ.