އެއްވެސް މެޗަކުން ބަލިނުވެ، ޓީސީ ސްޕޯޓްސް ކްލަބުން އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްފިއެވެ.
ރޭ ގައުމީ ދަނޑުގައި ކުޅުނު ޔޫތު ޗެމްޕިއަންޝިޕްގެ ފައިނަލުގައި ޓީސީން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ބަލިކުރީ ޕެނަލްޓީގައި 5-4ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، އެއްވަރުވެފައި އޮތީ 0-0 ގެ ނަތީޖާއަކުންނެވެ.
ރޭގެ ފައިނަލަށް ނުކުތް އިރު، ސަސްއާއި ޓީސީން ކުޅުނު ގްރޫޕް ސްޓޭޖުގެ މެޗުވެސް އޮތީ 1-1 އިން އެއްވަރުވެފައެވެ. ދެޓީމުގެ ކުރިމަތިލުން ވާދަވެރިކޮށް އެމެޗުގައިވެސް ފެނުނު އިރު، ރޭގެ މެޗުގައިވެސް ވާދަވެރިކަން ބޮޑެވެ.
ރޭގެ ފައިނަލް މެޗުގެ ކުރިން ދާދިފަހުން ކުއްލި ގޮތަކަށް ނިޔާވި، ރާއްޖޭގެ އެންމެ މޮޅު އެއް މިޑްފީލްޑަރު، މުހައްމަދު އާރިފް (ބަކާ) ގެ ޝަރަފުގައި ހާއްސަ މެޗެއް ކުޅެފައިވެއެވެ. ގައުމީ ޓީމުގެ ބައެއް ތަރިންނާއެކު އެކަޑެމީތަކުގެ ކުދިން މެޗުގައި ބައިވެރިވެ، ވަގުތު ހޭދަކޮށްފައިވެއެވެ. އެ މެޗުގެ ކުރިން ވަނީ އެއް މިނެޓުގެ ސުކޫތެއް ބަކާގެ ހަނދާނުގައި ގެނެސްފައިވެއެވެ.
ރޭގެ ފައިނަލް މެޗުގައި ދެޓީމުގެ ފަރާތުންވެސް ހަމަލާތައް ފެނުނެވެ. އެހެން ނަމަވެސް ގޯލެއް ނުޖެހި ފުރިހަމަ ވަގުތު ހަމަވި އިރު، ޕެނަލްޓީގައި ޓީސީގެ ފުރަތަމަ ޕެނަލްޓީ އަލީ އަލްސަން ވައްދާލިއެވެ. އެހެން ނަމަވެސް ސަސްގެ ފުރަތަމަ ޕެނަލްޓީ އަހުމަދު ނަވާފް ފައުޒީ އަތުންވީ ނާކާމިޔާބެވެ. ސަސްއިން ދެން ޖެހި ޕެނަލްޓީ ހަސަން ހައިޝަމް ހާމިދު ވައްދާލި އިރު، ޓީސީގެ ދެވަނަ ޕެނަލްޓީ މުޒްދާން ހަދަން ކާމިޔާބުކުރިއެވެ.
ޓީސީގެ ތިންވަނަ ޕެނަލްޓީ އަބްދުﷲ ފައިޒާން އަބްދުލްޣަފޫރު ކާމިޔާބުކުރި އިރު، ސަސްއިން ދެން ޖެހި ޕެނަލްޓީ މުހައްމަދު އައިމަން އަލީ ކާމިޔާބުކުރިއެވެ. އަދި އޭގެފަހުން ސަސްގެ މުހައްމަދު ޝައްފާން އަބްދުލް މުއްތަލިބު ޖެހި ޕެނަލްޓީވެސް ކާމިޔާބުކުރި އިރު، ޓީސީން ޖެހި ހަތަރުވަނަ ޕެނަލްޓީ އިސްމާއީލް އަފާޒް އަތުން ނާކާމިޔާބުވެ މެޗު އެއްވަރުވިއެވެ.
ޓީސީގެ ފަސްވަނަ ޕެނަލްޓީ އބްދުﷲ ޒިފާން ވައްދާލި ނަމަވެސް، ސުޒާން ހަސަން އަހުމަދު ޖެހި ސަސްގެ ޕެނަލްޓީ ޓީސީ ކީޕަރު، މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު މުހައްމަދު ޝިޔާޒް ވަނީ މަތަކޮށްފައެވެ.
މުބާރާތުގެ ފެއާ ޕްލޭ ޓީމަކީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނެވެ. އެންމެ މޮޅު ކޯޗަކީ ޓީސީގެ އަހުމަދު ނިމާދެވެ. އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކީ މުހައްމަދު އިޒާން އަލީއެވެ. އޭނާ ފަސް ގޯލު ޖެހިއެވެ.