ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގެ ގްރޫޕް ބީގެ ފުރަތަމަ މެޗުތައް އޮޑި ސްޕޯޓްސް ކްލަބާއި އެންމެފަހުގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބުން ކާމިޔާބު ކޮށްފިއެވެ.
ޔޫތު މުބާރާތުގައި މިފަހަރު ޖުމުލަ ނުވަ ޓީމަކުން ވާދަ ކުރެއެވެ. ނުވަ ޓީމު، ދެ ގްރޫޕަކަށް ބަހާލައިގެން މުބާރާތުގެ ގްރޫޕް ސްޓޭޖު ކުރިއަށްގެންދަން ނިންމާފައިވާ އިރު، ގްރޫޕް އޭގައި ހިމެނެނީ އީގަލްސް އާއި މާޒިޔާ، ވެލެންސިއާގެ އިތުރުން ބުރު ސްޕޯޓްސް ކްލަބް އަދި ކްލަބް ގްރީން ސްޓްރީޓްސްއެވެ. ގްރޫޕް ބީގައި ހިމެނެނީ، އޮޑި ސްޕޯޓްސް ކްލަބާއި ޓީސީ ސްޕޯޓްސް ކްލަބް، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަދި ވިކްޓަރީ ސްޕޯޓްސް ކްލަބެވެ.
އޮޑި ސްޕޯޓްސް ކްލަބުން އިއްޔެ ހަވީރު ކުޅުނު މެޗުގައި ވިކްޓްރީ ބަލިކުރީ 3-1 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ހާފުގެ ފަހުކޮޅުގައި އޮޑިން ދެ ގޯލު ޖަހާފައިވާ އިރު، އެ ގޯލުތައް ޖެހީ އަހުމަދު ރުވާއު އާއި އަލީ ނާއިޝް އަހުމަދު ވަހީދެވެ. ދެވަނަ ހާފު ފެށިގެން ވިކްޓްރީގެ ޝާއިން އިބްރާހީމް ރަމީޒް ގޯލެއް ޖަހައި އުންމީދެއް ހޯދި ނަމަވެސް، 77 ވަނަ މިނެޓުުގައި ނާއިޝް ވަނީ އޭނާގެ ދެވަނަ ގޯލާއެކު އޮޑިއަށް މޮޅު ޔަގީންކޮށްދީފައެވެ.
ރޭ އެންމެފަހުގެ ޗެމްޕިއަން ޓީސީން ނުކުތީ، އެންމެފަހުގެ ރަނަރަޕް ސަސްއާ ދެކޮޅަށެވެ. އެ މެޗު ޓީސީން ކާމިޔާބުކުރީވެސް 3-1 އިންނެވެ.
ޓީސީގެ ގޯލުތައް ޖެހީ މުހައްމަދު ލޫތު ހުސައިނާއި ޝަހުދާން އަބްދުލްގަނީ އަދި އަލީ އައިހަމްއެވެ. ސަސްގެ ހަމައެކަނި ގޯލު ޖެހީ މުހައްމަދު އިޒާން އަލީއެވެ.
ޔޫތު ޗެމްޕިއަންޝިޕްގައި މިއަދު ހަވީރު އޮންނާނީ ގްރީން ސްޓްރީޓްސް އާއި މާޒިޔާ ބައްދަލުކުރާ މެޗެވެ. މިރޭ އޮންނާނީ ކްލަބު އީގަލްސް އާއި ބުރު ސްޕޯޓްސް ކްލަބު ވާދަކުރާ މެޗެވެ.