ސިޔާސީ

ހާރިޖީ ވަޒީރު އެއް ގައުމުން އަނެއް ގައުމަށް ދިއުމަކީ ކާމިޔާބެއް ނޫން: ރައީސް ޔާމީން

ފަތޯނާ ފާއިޒު

ހާރިޖީ ވަޒީރު އެއްގައުމުން އަނެއް ގައުމު ދަތުރު ކުރެއްވުމަކީ ހާރިޖީ ސިޔާސަތު ކާމިޔާބު ވުމެއް ނޫން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެެވެ.

ކ.ދިއްފުށީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ޕީޕީއެމް-ޕީއެންސީގެ ކެމްޕެއިން ޓީމަކާއެކު އެރަށަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ގައުމެއްގެ ހާރިޖީ ސިޔާސަތު ކާމިޔާބު ވަނީ ރައްޔިތުން ބޭނުންވެ، އެހެންނަމަވެސް ނުފުދިފައިވާ ކަންކަން ފުދިގެން ދިއުމުން ކަމަށެވެ. އަދި ވިދާޅުވީ ހާރިޖީ ސިޔާސަތު ކާމިޔާބީ ވަޒަން ކުރެވެނީ ގައުމުގެ ވެރިން ބޭރު ގައުމުތަކަށް ކުރާ ދަތުރުގެ އަދަދުން ނޫން ކަމަށެވެ.

"ހާރިޖީ ސިޔާސަތު ކާމިޔާބު ވަނީ ހާރިޖީ ވަޒީރު ދެކޮޅަށް، ދެކޮޅަށް ރާއްޖެއިން ބޭރަށް އުދުހުނީމަކާއެއް ނޫން. ރައްޔިތުންނަށް އޭގެން މަންފާއެއް ލިބޭތަން ފެނުނީމަ" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ އިސްތިގުލާލާއި މިނިވަންކަން ރައްކާތެރި ކުރުމާއި، އަމިއްލަ އުސޫލުތަކުގައި ހިފެހެއްޓޭ މިންވަރާއި، ދީން ހިމާޔަތް ކުރުމުގެ ކަށަވަރުކަމާއި، ބޭރުގެ ނުފޫޒުތަކުން ސަލާމަތްވާ މިންވަރަކީ ހާރިޖީ ސިޔާސަތުގެ ކާމިޔާބީ ރަމްޒުކޮށްދޭ ކަންތައް ކަމުގައެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ ހާރިޖީ ވަޒީރާ އި ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކު ބޭރު ގައުމުތަކަށް ދަތުރު ކުރުމަކީ ކުރަންޖެހޭ ކަމެއް ކަމަށެވެ. އެހެންނަމަވެސް އެ ދަތުރުތަކުގެ ނަތީޖާ ފެންނަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

އެގޮތުން ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް ބޭރުގެ އެއްވެސް ނުފޫޒެއް ވަދެގެން ނުވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް މަޝްރޫއުތައް ހިންގަވާ ވާހަކަ ދައްކާއިރު، ބަޖެޓުގައި ފައިސާއެއް ނެތްކަން އެންމެންނަށް އެނގޭ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.