ދުނިޔެ

ލަންކާގެ އާންމު އިންތިހާބު ޖެނުއަރީ 5 ގައި

މުހައްމަދު އައުޒަމް

ލަންކާގެ ގާނޫނު ހަދާ މަޖިލިސް އުވާލުމަށްފަހު އެގައުމުގެ އާންމު އިންތިހާބު އަންނަ ޖެނުއަރީމަހު ފަސް ވަނަ ދުވަހު ބާއްވަން ރައީސް ސިރިސޭނާގެ ހާއްސަ ގަރާރަކުން ނިންމައިފިއެވެ.

ލަންކާގެ ސިޔާސީ މަޝްރަހު ހަލަބޮލިވެފައިވާ ދަނޑިވަޅެއްގައި ގާނޫނު ހަދާ މަޖިލިސް އުވައިލަން ނިންމުމަކީ އިތުރަށް މަޝްރަހު ގޯސްވާނޭ ކަމެއްކަމަށް ބެލެވެއެވެ.

ލަންކާ ސަރުކަރުގެ ގެޒެޓް ގައި ޝާއިއު ކޮށްފައިވާ ބަޔާނެއްގައި ސިރިސޭނާ ވަނީ ގާނޫނު ހަދާ މަޖިލީހުގެ އާންމު އިންތިހާބު ޖެނުއަރީ މަހު ފަސްވަނަ ދުވަހު ބޭއްވުމަށްފަހު ޖެނުއަރީ 17 ވަނަ ދުވަހު މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ލަންކާގެ ރައީސް ސިރިސޭނާ ވަނީ އެގައުމުގެ ބޮޑުވަޒީރުގެ މަގާމުގައި ހުންނެވި ރަނިލް ވިކްރަމަސިންގް މަގާމުން ދުރުކުރެއްވުމަށް ފަހު ލަންކާގެ ކުރީގެ ރަައީސް މަހިންދަ ރާޖަޕަކްސަ އަށް ބޮޑުވަޒީރުކަން ދެއްވާފައެވެ.

ލަންކަގެ ގާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ ރަނިލް ވިކްރަމަސިންގް ގެ އަތްޕުޅުގައި އޮތުމުން ރައީސް ސިރިސޭނާ އަށް ވަނީ ބޮޑެތި ފިއްތުންތަކެއް ކުރިމަތިވެފައެވެ. ގާނޫނުން ލިބިގެންވާ ބާރުގެދަށުން އެގައުމުގެ ގާނޫނު ހަދާ މަޖިލިސް އުވާލަފައިވަނީ މެޖޯރިޓީ ނުލިބުމުން ކަމަށްް ލަންކާގެ ސިޔާސީ މަޝްރަހު ދިރާސާ ކުރައްވާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ގާނޫނު ހަދާ މަޖިލިސް އުވާލުމުން ފާޑުކިއުންތައް އިތުރުވެފައި ވާއިރު ލަންކާގެ އިލެކްޝަން ކޮމިޝަނުން ވަނީ އިންތިހާބު ބޭއްވުމުގެ ކުރިން ސުޕްރީމްކޯޓުގެ ބަހެއް ހޯދާނެ ކަމަށް ބުނެފައެވެ.

ހުޅަނގުގެ ގައުމުތަކުގެ އިތުރުން އަވައްޓެރި އިންޑިއާއިންވެސް ވަނީ ސިރިސޭނާގެ ނިންމެވުންތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ގައުމުތަކުން ވަނީ ޗައިނާ އާއި ގާތް ގުޅުމެއް އޮންނަ ރާޖަޕަކްސައަށް ސަރުކާރުން ޖާގަ ދިނުމުން ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

ލަންކާގައި 2005 އިން 2015 އާއި ދެމެދު ރާޖަޕަކްސަ ވެރިކަންކުރިއިރު ޗައިނާއާ ދެމެދު ވަރަށް ބޮޑަށް ގުޅުން ވަނީ ވަރުގަދަކޮށަފައެވެ. ލަންކާގެ ބޮޑެތި ޕްރޮޖެކްޓުތަކެއް ވަނީ ދިގުމުއްދަތަކަށް ޗައިނާއަށް ދީފައެވެ. މިކަމުގެސަބަބުން ލަންކާގެ ބޭރުގެ ދަރަނި އިތުރުވެ ގައުމު ވަނީ އިގްތިސާދީގޮތުން ބޮޑު އަނދަވަޅަކަށް ވެއްޓިފައެވެ.