ބޯހިޔާވަހިކަން

20،000 އާއިލާއަށް ހައުސިން ޔުނިޓް ދޭން އަމާޒު ހިފައިފި

އާނިފާ ހުސެއިން ސިރާޖް

ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި 20،000 އާއިލާއަށް އައު ހައުސިންގ ޔުނިޓް ދޭން ސަރުކާރުން އަމާޒު ހިފައިފިއެވެ.

ސަރުކާރުން މިކަން އިއުލާނުކޮށް ހާމަކޮށްފައި ވަނީ، ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް ކުރަން ރާވާފައިވާ ކަންތައްތައް ހިމަނާފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭން (އެސްއޭޕީ)ގައެވެ. ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި މި ޕްލޭން އިފްތިތާހު ކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

އެސްއޭޕީގެ ބޯހިޔާވަހިކަމުގެ ބައިން ޖުމުލަ ހަތަރު ކަމެއް ހާސިލް ކުރުމަށް ވަނީ ހިމަނައިފައެވެ. އޭގެ ތެރޭގައި 2023 ވަނަ އަހަރުގެ ނިޔަލަށް 20،000 އާއިލާއަށް އައު ހައުސިންގ ޔުނިޓުތަކެއް ހޯދައިދީ އެ ޔުނިޓުތައް ބޭނުންކުރަން ފެށޭވަރު ކޮށްދޭނެ ކަަމަށް ވަނީ ހިމަނާފައެވެ.

އެގޮތުން އަތް ފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ސަރުކާރުގެ މުހިންމު ވައުދެއްކަން ފާހަގަކޮށް އެސްއޭޕީގައި ބުނެފައިވަނީ ބޯހިޔާވަހިކަމުގެ ދަތިކަމަކީ އިޖްތިމާއީ އަދި އިގްތިސާދީ ގިނަ މައްސަލަތަކެއްގެ އަސްލެއް ކަމަށް ވާތީ މިއީ މިހާރުން މިހާރަށްވެސް ހައްލުކުރަން ޖެހޭ މައްސަލައެއް ކަމަށެވެ.

މިއަހަރުގެ ހިސާބުތަކަށް ބަލާއިރު ބިދޭސީންނާއެކު މާލޭގެ ޖުމުލަ އާބާދީ ގާތްގަނޑަކަށް 530،000 އަށް އަރާ ކަމަށާއި މި ރޭޓުން ބަލާ ނަމަ 2028 ވަނަ އަހަރުގެ ނިޔަލަށް މާލޭގައި ދިރިއުޅޭ މީހުންގެ އާބާދީ 650،000 އަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް އެސްއޭޕީގައި ބުނެފައިވެއެވެ.

އެހެންކަމުން ގޭބީސީއެއްގައި ހަތަރު މީހުން އުޅޭނެ ކަމަށް ބެލި ނަމަވެސް އިތުރު 30،000 ގެ ބޭނުންވާ ކަމަށާއި މުޅި ގައުމަށް ބަލާ ނަމަ އިތުރު 20،000 ގެ ބޭނުންވާނެ ކަމަށް އެސްއޭޕީގައި ބުނެފައިވެއެވެ.

އެގޮތުން ބޯހިޔާވަހިކަމަށް ހުރި ގޮންޖެހުންތަކުގެ ތެރޭގައި ގިނަ އަދަދެއްގެ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭންޖެހިފައި ވުމާއި، މާލެ ތޮއްޖެހިފައި ވުމުގެ އިތުރުން ބޯހިޔާވަހިކަން ހޯދުމުގައި ހަރަދު ބޮޑުވުން ފާހަގަކޮށްފައިވެއެވެ. ގެދޮރު އިމާރާތްކުރުމަށް ބޭނުންވާ ފައިސާ ކުޑަ ރޭޓެއްގައި ލިބޭނެ ގޮތް ހަމަޖައްސާނެކަމަށް ވެސް ބުނެފައިވެއެވެ.

އެސްއޭޕީގައި ބުނެފައި ވަނީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ގެދޮރު އިމާރާތްކުރުން އިތުރުކޮށް ގެދޮރު ހޯދުމުގެ މަސައްކަތް ފަހިކޮށްދިނުމުގެ މަސައްކަތް އިސްކަން ދީގެން ކުރިއަށްގެންދާ ކަމަށެވެ. އަދި ގާނޫނަށާއި މިކަމުގައި ހަރަކާތްތެރިވާ އިދާރާތަކަށްވެސް އިސްލާހު ގެނެސް ސޯޝަލް ހައުސިންގެ ހިދުމަތް ފޯރުކޮށްދޭނެ ކަމަށް ބުނެފައިވެއެވެ.

ސަރުކާރުން ރޭ ތަައާރަފުކުރި ފަސް އަހަރު ދުވަހުގެ އެކްޝަން ޕްލޭން އެކުލަވާލާފައި ވަނީ މައިގަނޑު ފަސް ބަޔަކަށް ބަހާލައިގެންނެވެ. އެ ފަސް ބަޔަކީ، ނޫ އިގުތިސާދު، އޯގާތެރި ސަރުކާރު، ފަހުރުވެރި އާއިލާ، ޖަޒީރާ ދިރިއުޅުން އަދި ހެޔޮވެރިކަމެވެ.