ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ އަންހެނުންގެ ނިސްބަތް މަދުވެގެން 25 އިންސައްތައަށް އިތުރު ކުރަން ސްޓްރެޓީޖިކް އެކްޝަން ޕްލޭން (އެސްއޭޕީ)ގައި ހިމަނައިފިއެވެ.
ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި މި ޕްލޭން އިފްތިތާހު ކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ.
ސްޓްރެޓީޖިކް އެކްޝަން ޕްލޭން މައިގަނޑު ފަސް ދާއިރާއަކަށް ބަހާލާފައިވާ އިރު، އޭގެ ތެރެއިން ހެޔޮ ވެރިކަމުގެ ދަށުގައި ހިމެނޭ އެއް ކަމަކީ މިނިވަން މުއައްސަސާތަކާއި، ޕަބްލިކް ސަރވިސް އިސްލާހު ކުރުމެވެ. އޭގެ ދަށުން ހާސިލް ކުރަން އަމާޒު ހިފާފައިވާ އެންމެ މުހިންމު އެއް ކަމަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި އަންހެނުންގެ ހިއްސާ މަދުވެގެން 25 އިންސައްތައަށް އިތުރު ކުރުމެވެ.
އަންހެނުންނަށް ގައުމު ބިނާ ކުރުމާއި، އިގްތިސާދީ ދާއިރާއިން ފުރުސަތު ދިނުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވައުދުފުޅެކެވެ. އެވައުދުފުޅު ފުއްދެވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން ކައުންސިލްތަކަށް އިންތިހާބު ކުރާ މީހުންގެ 33 އިންސައްތަ އަކީ އަންހެނުންނަށް ހެދުމަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ. ރައީސް ސޯލިހުގެ ކެބިނެޓްގެ 20 ވަޒީރުންގެ ތެރެއިން ހަތް ވަޒީރުންނަކީ އަންހެން ބޭފުޅުންނެވެ. އެއީ ކެބިނެޓްގެ 35 އިންސައްތައެވެ.
ރާއްޖޭގެ އެންމެ ކުރިއަރާފައިވާ ސިނާއަތް ކަމުގައިވާ ފަތުރުވެރިކަމުގެ ސިނާއަތުގައި ހާސިލު ކުރަން ބޭނުންވާ ކަންކަމުގެ ތެެރެއިން އެންމެ މުހިންމު އެއް ކަމަކީ އެ ސިނާއަތުގައި އަންހެނުންގެ ހިއްސާ އިތުރު ކުރުން ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުވެސް ވަނީ ވިދާޅުވެފައެވެ.
އެސްއޭޕީގައި އަންހެނުންގެ ކުރިއެރުމަށްޓަކައި ހާސިލު ކުރަން ބޭނުންވާ ކަންކަމުގެ ތެރޭގައި ކުޅިވަރު އެސޯސިއޭޝަންތަކުގެ ހިންގާ ކޮމިޓީތަކުގައި މަދުވެގެން 33 އިންސައްތަ އަންހެން މެމްބަރުން ހިމެނުން ލާޒިމުކުރުމަށްވެސް ވަނީ ހިމަނައިފައެވެ.
ކުޅިވަރު އެސޯސިއޭޝަންތަކުގެ ހިންގާ ކޮމިޓީއާއި ބޯޑުތަކުގައި މަދުވެގެން 33 އިންސައްތަ އަންހެން މެމްބަރުން ހިމެނުން ލާޒިމުކުރާ ގޮތަށް ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭ ބަދަލު ގެންނާނެ ކަމަށް ސަރުކާރުގެ އެސްއޭޕީގައި ބުނެފައިވެއެވެ. އެކަން ލާޒިމުކުރުމަށް ކުޅިވަރު އެސޯސިއޭޝަންތަކުގެ ހިންގާ ކޮމިޓީއަށް ބަދަލު ގެންނަން ޖެހޭނެއެވެ.