ޝެއިޚް ޑރ. މުހައްމަދު އިޔާޒް

ލޮބުވެތި ނަބިއްޔާއަށް ހަޖޫ ޖެހުމަކީ އާދައިގެ ކަމެއް ނޫން، ހަރުކަށި ފިޔަވަޅު އަޅަންޖެހޭ: ޑރ. އިޔާޒު

ޝަހީދާ އަބްދުﷲ ސައީދު

1

މި އުންމަަތުގެ މާތް ނަބިއްޔާއަށް ހަޖޫ ޖެހުމަކީ އާދައިގެ ކަމެއް ނޫން ކަމަށާއި އެފަދަ މީހުންނާ މެދު ހަރުކަށި ފިޔަވަޅު އަޅަންޖެހޭ ކަމަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފު ވިދާޅުވެއްޖެއެވެ.

ކީރިތި ގުރުއާނުގެ އައްނިސާ ސޫރަތުގެ 104 ވަނަ އާޔަތާއި އަދި އެ އާޔަތުގެ މާނައާއެކު ޑރ. އިޔާޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ އާޔަތުން ހިތްވަރު ލިބިގަނެގެން، ލާދީނީ ޓެރަރިސްޓް ފިކުރާ ދެކޮޅަށް ކުރާ މަސައްކަތް ހަލުވި ކުރަންޖެހޭ ކަމަށެވެ.

''ލާދީނީ ޓެރަރިސްޓް ފިކުރާ ދެކޮޅަށް ކުރާ މަސައްކަތް ހަލުވި ކުރަންޖެހޭ. މިއާޔަތުން ހިތްވަރު ލިބިގަންނަންޖެހޭ. އަޅުގަނޑުމެންގެ ލޮބުވެތި ނަބިއްޔާއަށް ހަޖޫ ޖެހުމަކީ އާދައިގެ ކަަމެއްނޫން.'' ޑރ. އިޔާޒު ކުރެއްވި ޓުވީޓުގައި ވެއެވެ.

އިސްލާމް ދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކުރަމުންދާ މައްސަލައިގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވީ، ދީނާ ދެކޮޅަށް ކުރާ ކަންކަން މިސަރުކާރުން ވަރަށް ބޮޑަށް ކުށްވެރިކުރާ ކަމަށެވެ. އަދި ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނުގެ ދަށުން އަޅަންހުރި ފިޔަވަޅުތައް އެފަދަ ފަރާތްތަކާ މެދު އަޅާނެ ކަމަށް ވިދާޅުވިއެވެ.

''ދީނުގެ ނަމުގައި ކަމުގައި ވިޔަސް އަދި ދީނާ ދެކޮޅު ވެގެން ނަމުގައި ވިޔަސް، އެހެން މީހަކަށް ގެއްލުމެއް ކުރާ ގޮތަށް ނުވަތަ ހަށިގަނޑަށް ފުރާނައަށް މުދަލަށް ގެއްލުމެއްވާ ފަދަ ކަމެއް، އޭނާ ދީނަށް ދެކޮޅުވެގެން ވިޔަސް ކޮށްފިނަމަ ޓެރަރިޒަމްގެ ގާނޫނުގެ ތެރެއިން އެމީހަކަށް ފިޔަވަޅު އަޅާނެ.'' މިނިސްޓަރު އިމްރާނު ވިދާޅުވިއެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ފޭސްބުކްގައި ލިޔާ ޕޭޖުތައް ބުލޮކް ކުރުމަށް ފުލުހުން އެދުނު ނަމަވެސް ވަގުތުން އެކަންކަން ކުރެވެން ނޯންނަ ކަމަށެވެ. އަދި އެންމެ ފަހުން ބްލޮކްކުރި ޕޭޖުވެސް ބްލޮކް ކުރީ ދެ ހަފްތާ ވަންދެން ހުއްޓާނުލައި ފުލުހުން މަސައްކަތްކޮށްގެން ކަމަށް ވެސް އިމްރާނު ވިދާޅުވިއެވެ.

މިދިޔަ މަހުގެ 25ގައި ބްލޮކްކޮށްފައިވަނީ ދިވެހި ބަހުން ފޭސްބުކްގައި ލިޔަމުން ދިޔަ ''ޖުހާ'' ޕޭޖެވެ. "ޖުހާ" ޕޭޖް ބްލޮކް ކޮށްފައިވަނީ އެ ޕޭޖުގައި ދީނަށް ފުރައްސާރަކޮށް ލިޔުންތައް ލިޔަމުން އަންނަތާ ދުވަސްތަކެއް ފަހުން، އެކަން ފުލުހުންގެ ފަރާތުން ޓެކްނޮލޮޖީ މިނިސްޓްރީއަށް ހުށަހަޅާފައިވަނިކޮށެވެ. އަދި އާންމުންގެ ގިނަ ބަޔަކު ވެސް ދިޔައީ އެ ޕޭޖު ބްލޮކް ކުރުމަށް ގޮވާލަމުންނެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟