ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ 25 އަހަރަށް ޖަލަށްލާން ހުކުމްކޮށްފައި ވަނިކޮށް، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުން ފިލި މައްސަލަ ތަހުގީގުކޮށް، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ލަންކާގެ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ ޕްލޮޓްގެ ހަނގުރާމަވެރިންނާއެކު ނޮވެމްބަރު 3، 1988 ގައި ލުތުފީ އިސްކޮށްހުރެ މާލެ އަރައި ދިން ހަމަލާތަކުގައި 19 ދިވެއްސަކު ޝަހީދު ކޮށްލިއެވެ.
މި އުދުވާނީ ހަމަލާއާ ގުޅިގެން ލުތުފީގެ މައްޗަށް އެންމެ ފުރަތަމަ އިއްވީ މަރުގެ ހުކުމެވެ. ނަމަވެސް އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަދަބު ލުއިކޮށްދެއްވައި އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ބަދަލުކުރިއެވެ.
އަދި އެ ހުކުމް ތަންފީޒު ކުރަމުންދަނިކޮށް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 16 ޖެނުއަރީ 2010ގައި ލުތުފީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުން އުޅުނީ ފިލައިގެންނެވެ.
ނަމަވެސް މިދިޔަ މެއި މަހުގެ 1 ވަނަ ދުވަހު ލަންކާގައި ހުންނަ އެމްބަސީއާ އަމިއްލައަށް ގޮސް ލުތުފީ ހަވާލުވިއެވެ. އަދި މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި ލުތުފީ ވަނީ ދިވެހި ފުލުހުންގެ ބެލުމުގެ ދަށުން ރާއްޖެ ގެނެސް، ހުކުމް ތަންފީޒު ކުރުމަށް ކަރެކްޝަނަލް ސާވިސްއާ ހަވާލުކޮށް، ފިލި މައްސަލައިގެ ތަހުގީގު ފެށިއެވެ. ފުލުހުން މީގެ ކުރިން ބުނެފައިވާ ލުތުފީ ފިލައިގެން ދިޔަ މައްސަލަ ވަކިން ބަލާނެ ކަމަށެވެ.
އޭނާ ރާއްޖެ ގެނައި ފަހުން ގާތްގަނޑަކަށް ތިން މަސް ވެގެން ދިޔަ ފަހުން، މިއަދު ފުލުހުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި މިނިސްޓަރު އިމްރާން ވިދާޅުވީ، ލުތުފީ މިވަގުތު ވެސް ހުރީ މާފުށީ ޖަލުގައި ހައްޔަރުކޮށްފައި ކަމަށެވެ. އަދި ލުތުފީ ފިލައިގެންދިޔަ މައްސަލަ ތަހުގީގުކޮށް މިހާރު ޕީޖީއަށް ފޮނުވާފައިވާ ކަމަށް ވިދާޅުވިއެވެ. ނަމަވެސް އެ މައްސަލަ ޕީޖީއަށް ފޮނުވި ތާރީހެއް އިމްރާން ހާމައެއް ނުކުރެއެވެ.
ލުތުފީ މިހާތަނަށް ޖަލު ހުކުމް ތަންފީޒުކޮށްފައި ވަނީ 21 އަހަރެވެ. އިމްރާން މަޖިލީހަށް ހާޒިރުވެ މީގެ ކުރިން ވިދާޅުވެފައިވާ ގޮތުން، ލުތުފީގެ ހުކުމުގައި ބާކީ އޮންނާނީ ހަތަރު އަހަރާ ދުވަސްކޮޅެކެވެ.