ސިޔާސީ

ކުރީގެ މެމްބަރުން ޖޭޕީއާ ގުޅޭތީ ބަޔަކަށް ވަރަށް ބޮޑަށް އަސަރު ކުރޭ: ނިހާން

ފަތޯނާ ފާއިޒު

ރައްޔިތުންގެ މަޖިލީހުގައި ކުރިން މަސައްކަތް ކުރެއްވި މެމްބަރުން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތުމަކީ ބައެއް މީހުންނަށް ވަރަަށް އަސަރު ކުރާ ކަމެއް ކަމުގައި އެޕާޓީގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެއެވެ.

ޖޭޕީއާ އަލަށް ގުޅިވަޑައިގެންނެވި ބައެއް މެމްބަރުންގެ ފޯމުތައް ހަވާލު ކުރުމަށް މިރޭ މ. ކުނޫޒުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނިހާން ވިދާޅުވީ، ޖޭޕީއާ ގުޅިވަޑައިގަންނަވާ މެމްބަރުންގެ ލިސްޓު އަދިވެސް ވާނީ ދިގު ކަމަށެވެ. އަދި އެކަމުން ބައެއް މީހުންނަށް އަސަރު ކުރާނެ ކަމަށްވެސް ވިދާޅުވިއެެވެ. އެހެންނަމަވެސް އެއީ ކޮންބައެއްކަމެއް ހާމައެއް ނުކުރައްވައެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރުންނަކީވެސް މުހިންމު ބައެއްކަން ފާހަގަކުރައްވައި ނިހާން ވިދާޅުވީ މަޖިލީހުގެ ކުރީގެ މެމްބަރުންނަށް ވުމުން، އެފަރާތްތައް "ކުޑަ" ނުވާ ކަމަށެވެ. އަދި އެ މެމްބަރުން މަޖިލީހުގައި މަސައްކަތް ކުރެއްވި ވަގުތުތައް ހުސްވުމުން، އެބޭފުޅުންގެ ވިސްނުމާއި، ތަސައްވުރާ އިތުރުވެގެން ދިއުުމުގެ ސަބަބުން، އެ މެމްބަރުންގެ "ޕްރޮޑަކްޓިވިޓީ" އިތުރުވާނެ ކަަމަށްވެސް ވިދާޅުވިއެވެ.

އަދި ވިދާޅުވީ ސިޔާސީ ޕާޓީއަކަށް ލިބޭނެ އެންމެ ބޮޑު ރައުސުލްމާލަކީ ކުރީގެ މެމްބަރުން ކަމަށެވެ.

"އަޅުގަނޑުމެންނާއެކުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރުންތަކެއް މި ޕާޓީއާ ގުޅިވަޑައިގެން ކުރިއަށް މިގެންދާ މަސައްކަތަކީ ބަޔަކު މީހުންނަށް ވަރަށް ބޮޑަށް އަސަރު ކުރާ ކަމަކަށްވެދާނެ." ނިހާން ވިދާޅުވިއެވެ.

ޖޭޕީއާ މިރޭ އަލަށް ގުޅިވަޑައިގެންނެވި މެމްބަރުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔާމީން ރަޝީދު ހިމެނިވަޑައިގަންނަވައެވެ. އަދި މީގެ ކުރިން އެޕާޓީއާ ގުޅިވަޑައިގެންނެވި މަޖިލީހުގެ ކުރީގެ މެމްބަރުންގެ ތެރޭގައި ނިހާންގެ އިތުުރުން، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހާއި، ދާންދޫ ދާއިރާގެ މެމްބަރު އަހްމަދު އައްސަދުގެ އިތުރުން، ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފްވެސް ހިމެނިވަޑައިގަންނަވައެވެ.