ބަތުގެ ރަހަ ހެޔޮވަރު ކުރަން ލޮނު ބޭނުންވާ ފަދައިން، ރާއްޖޭގެ ސިޔާސީ މައިދާނުގައި ކައްކާ ބަތަށް ޖުމްހޫރީ ޕާޓީ ބޭނުންވާ ކަަމަށް އެޕާޓީއަށް ދާދިފަހުން ސޮއިކުރެއްވި، ޕީއެންސީގެ ކުރީގެ ނައިބު ރައީސް އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެއެވެ.
ޖޭޕީއަށް މެމްބަރުންތަކެއް ސޮއިކުރުމަށް މިރޭ މ. ކުނޫޒުގައި ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން ނިހާން ވިދާޅުވީ ރާއްޖޭގައި ޕާޓީ ސިސްޓަމް ތައާރަފުކުރި ފަހުން އެއްވެސް ޕާޓީއަކަށް ޖޭޕީއާ ނުލައި ވެރިކަމަށް އާދެވިފައިނުވާ ކަމަށެވެ. އެހެންކަމުން 2023 ވަނަ އަހަރަކީ ޖޭޕީއަށް "އަހަރުމެންގެ ފަހަރު" ކަމަށާއި އަންނަ ރިޔާސީ އިންތިހާބު އެޕާޓީއަށް ކާމިޔާބު ނުކުރެވެންވީ ސަބަބެއް ނެތް ކަމަށެވެ.
ރާއްޖޭގެ އެކި އުމުރުފުރައިގެ، އެކި ފަރާތްތަކާމެދުގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވަަރަށް ބޮޑު ވިސްނުންފުޅެއް ގެންގުޅުއްވާކަން ފާހަގަކުރައްވާ އެޕާޓީގެ މުހިންމުކަން ނިހާން ސިފަކޮށްދެއްވީ ބަތުގެ މިސާލުންނެވެ. އެގޮތުން ބައެއް މީހުންނަށް ލޮނު ނުލައި ބަތް މީރުވިޔަސް، ލޮނު ނުލައި ކައްކާ ބަތުގެ ރަހަ ފުރިހަމަ ނުވާނެ ކަމަށް ނިހާން ވިދާޅުވިއެވެ.
"އެހެންވީމަ އަބަދުވެސް މި ބަތް ކައްކަން އެބަޖެހޭ ޖުމްހޫރީ ޕާޓީގެ ބޭނުން އަންނަން" ނިހާން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ޖުމްހޫރީ ޕާޓީއަކީ އާރާބާރު ހުރި ޕާޓީއެއް ކަމަށާއި އެޕާޓީގެ ލީޑަރަށް ރައްޔިތުންގެ ވިންދު އެނގިވަޑައިގަންނަވާ ކަމަށެވެ. އެގޮތުން ގާސިމަކީ ދީލަތި އެހީތަކެއް ވެދެއްވާ ބޭފުޅެއްކަން ފާހަގަކުރައްވައި 2023 ވަނަ އަހަރުގެ އިންތިހާބުގައި ރައްޔިތުން އެންމެ ލޯބިވާ މެނިފެސްޓޯއެއް ހުށަހަޅާނީ ޖޭޕީން ކަމަށް ނިހާން ވިދާޅުވިއެވެ.
"ޖުމްހޫރީ ޕާޓީން 2023 ގައި ރިޔާސީ ކެންޑިޑޭޓަކާއެކު އާދެވޭއިރު، ﷲ އިރާދަކުރެއްވިއްޔާ އެ މެނިފެސްޓޯ ވެގެންދާނީ މިހާތަނަށް ރާއްޖޭގެ ރިޔާސީ ކެންޑިޑޭޓަކު ރައްޔިތުންނަށްނަށް ދިއްކޮށްލާ، ރައްޔިތުން އެ މައްޗަށް އެންމެ ބޮޑަށް ލޯބިވެތިވާނެ މެނިފެސްޓޯއަށްވާނެ ކަމީ ޝައްކެއް އޮތް ކަމަކަށް ނުވާތީ އެވާހަކަ އަޅުގަނޑުމެން ހަމަ ކުރީ ބައިގައި ދަންނަވާލަން" ނިހާން ވިދާޅުވިއެވެ.