ސިޔާސީ

މުވައްޒަފުންނަށް މިނިސްޓަރު އައިޝާ ދެއްވި ވަރުގަދަ މެސެޖަށް އެތައް ބައެއްގެ ތައުރީފު

ފަތޯނާ ފާއިޒު

ސަރުކާރުގެ ކޮންމެ ވުޒާރާއަކީ ވެސް ރައްޔިތުންނަށް ހިދުމަތްދީ، ރައްޔިތުންގެ އެކި ބޭނުންތައް ފުއްދައިދިނުމަށް އުފައްދާފައިވާ ވުޒާރާތަކެވެ. އެއިން ވުޒާރާއެއްގައި މަސައްކަތް ކުރާ މުވައްޒަފުން ފަރުވާ ކުޑަވެއްޖެނަމަ، ރައްޔިތުންނަށް ލިބޭ ހިދުމަތްތަކަށް ބުރޫ އަރައެވެ. އެހެންކަމުން ވުޒާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުން ހަމަމަގަށް އަޅުވައި، އެމީހުންނަކީ މަސައްކަތުގައި ފަރުވާތެރި އަދި ޒިންމާދާރު ބަޔަކަށް ހެދުމަކީ، އެ ވުޒާރާއެއް ހިންގެވުމާ ހަވާލުވެ ހުންނެވި ވަޒީރެއްގެ ޒިންމާއެކެވެ.

މި ސަރުކާރުގެ މިނިސްޓަރުންގެ ތެރެއިން މަގާމަށް އައްޔަންކުރެއްވި ހިސާބުން ގިނަ ބައެއްގެ ނުރުހުމާއި ފާޑުކިޔުންތައް އަމާޒުވިއެއް ބޭފުޅަކީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއެވެ. ސިޔާސީ ދާއިރާއަށާއި ވަޒީރު ކަމުގެ އެއްވެސް ތަޖުރިބާއެއް ނެތުމުން، އެކަމަނާއަށް އެ ޒިންމާ އަދާ ނުކުރެއްވޭނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރިއެވެ.

ނަމަވެސް ފެންނަން އޮތް ހަގީގަތަކީ މި ސަރުކާރުގައި އެންމެ ތަފާތު ދައްކަވަމުން އަންނަ އެއް މިނިސްޓަރަކީ މިނިސްޓަރު ނަހުލާ ކަމެވެ. ފިއްތުންތަކާއެކު ވެސް އެކަމަނާ ދަނީ ރައްޔިތުން އިސްކޮށް، ގަވައިދުތަކެއް ކަނޑައަޅައި ތަންފީޒު ކުރައްވަމުންނެވެ. އެކަންކަމާ ގުޅިގެން މަދު ބައެއް ފާޑުކިޔުންތަކާއެކު ރުޅިވެރިކަން އަމާޒުވި ނަމަވެސް އެކަމަނާއަށް ރައްޔިތުންދިން ލޯބި އެއަށްވުރެ އިތުރެވެ.

ނަމަވެސް އެކަމަނާ ބަދުނާމު ކުރުމުގައި މަދު ބަޔަކު އަދިވެސް މެދުނުކެނޑި ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ޓްރާންސްޕޯޓް އޮތޯރިޓީގެ މުވައްޒަފުންނާއި ބައްދަލުކުރައްވައި، މިނިސްޓަރު އައިޝާ ދެއްކެވި ވާހަކައިގެ އޯޑިއޯއެއް މިވަނީ ލީކުކޮށްލައިފައެވެ. މުވައްޒަފުންނާ ހުތުރު ބަހުން އެކަމަނާ ވާހަކަ ދެއްކެވިކަން ދައްކަން އާންމުކުރި އޯޑިއޯއެކެވެ.

ރާއްޖޭގެ ޓީވީ ޗެނަލަކުން އާންމުކުރި އެ އޯޑިއޯގައި ޓްރާންސްޕޯޓް މިނިސްޓްރީގެ މުވައްޒަފުންގެ މަސައްކަތް ރަނގަޅު ކުރަން މިނިސްޓަރު އައިޝާ ނަސޭހަތް ދެއްވައި، ކަންކަން އިސްލާހު ނުވެއްޖެނަމަ، ވަޒީފާއިން ވަކި ކުރަންޖެހޭ މީހަކު ވަކިކޮށްގެންވިޔަސް، ރައްޔިތުންނަށްޓަކައި ފެންވަރު ރަނގަޅު ހިދުމަތްތަކެއް ކުރައްވަން ބޭނުންވެލައްވާކަން ވިދާޅުވެއެވެ.

"ރަނގަޅަށް މަސައްކަތް ކުރާ ބޭފުޅުންނަށްވުރެ، މިތާ ތިބީ ވަރަށް ހިތާމަވެރިކޮށް، ވަރަށް ދެރަކޮށް، ވަރަށް ދެރަވަރު، ވަރަށް ދެރަ ފެންވަރުގައި މަސައްކަތް ކުރާ ބޭފުޅުން. ކިތަންމެ ބޭފުޅުންނެއް ވިޔަސް، އަޅުގަނޑު ފިޔަވަޅު އަޅަންވެއްޖެނަމަ، ފިޔަވަޅު އަޅާނަން! " އާންމުކުރި އޯޑިއޯގައި އަޑު ހަރުކޮށް، މިނިސްޓަރު ވިދާޅުވާ އަޑު އިވެއެވެ.

ދެ މިނެޓްގެ އެ އޯޑިއޯގައި މިނިސްޓަރު އައިޝާ އިތުރަށް ވިދާޅުވެފައިވަނީ، އެއް ބޯޓަކަށް އަރައިގެން، ދެ ފަރާތަކަށް ފަލިޖަހަން ވެއްޖެނަމަ، އެންމެ އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރެވޭނެ ކަމަށެވެ. އޭރުން ބޯޓު އޮންނާނީ "ދެކޮޅަށް ދެމި ދެމި" ކަމަށް ވެސް ވިދާޅުވިއެވެ. އަދި އެކަމަނާގެ ހަ ދަރިން ގޭގައި، މަންމަ ކައިރީގައި ބައިތިއްބާފައި ވަޒީރުކަމާ ހަވާލުވެވަޑައިގަތީ ހަމަ ހަގީގަތުގައި ވެސް، ރައްޔިތުންނަށް ހިދުމަތް ކޮށްދިނުމުގެ ތެދު ނިޔަތުގައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑުގެ އެއްވެސް މައްސަލައެއް ނެތް މާދަމާ ގޮސް، އަޅުގަނޑު ގޭގައި އިންނާކަށް. އަޅުގަނޑުގެ ކުޑަ ކުޑަ ހަބެއިން ތިބޭ. އަޅުގަނޑުގެ ހަބެއިން ގޭގައި މަންމަ ކައިރީގައި ބައިތިއްބާފައި ވަޒީރު ކަމާ ހަވާލުވީ، ހަމަ ހަގީގަތުގައި ވެސް، ﷲ އަށްޓަކައި، ރައްޔިތުންނަށްޓަކައި ހިދުމަތް ކޮށްދޭން. މިކަން ނުވާ ކަމަށްވެއްޖެއްޔާ އަޅުގަނޑުގެ އެއްވެސް ބޭނުމެއް ނެތް މިތާ އިނުމުގެ" މިނިސްޓަރު ވިދާޅުވިއެވެ.

އަދި ވަޒީރުކަމާ ހަވާލުވެވަޑައިގަތީ އެއްވެސް ކަމެއް އުނިވެގެން ނޫން ކަަމަށާއި މުސާރައިގެ ގޮތުގައި ލިބޭ ހަތްދިހަ ވަރަކަށް ހާސް ރުފިޔާގެ ބޭނުމުގައި ވެސް ނޫން ކަމުގައި ވިދާޅުވާ އަޑުވެސް ލީކުކޮށްލި އޯޑިއޯއިން އިވެއެވެ.

ނަމަވެސް މި އޯޑިއޯ އިން މިނިސްޓަރު ނަހުލާއާމެދު ބައެއްގެ މެދުގައި ނަފްރަތު އުފައްދަން އުޅުނު އުޅުން ގޮވީ އަތަށެވެ. ބަދަލުގައި ޓްރާންސްޕޯޓް މިނިސްޓަރުގެ އަގު އިތުރަށް ދިޔައީ އުފުލިގެންނެވެ. ކުރިން އެކަމަނާގެ ގާބިލުކަމާމެދު ސުވާލު އުފެއްދި އެތައް ބަޔަކުވެސް މިހާރު އެކަމަނާއަށް ކުރަނީ ތައުރީފެވެ.

ދަރިން ހަމަ މަގަށް އަޅުވަން ކުރާ މަސައްކަތުގައި، ބައެއް ފަހަރު މައިންބަފައިންނަށް ވެސް ރުޅި އައިސްހުރެ ދަރިންނާ މުހާތަބުކުރެވޭ ތަން އާދެއެވެ. އޭގެ މާނައަކީ، މައިންބަފައިން ދަރީންދެކެ ލޯބި ނުވުމެއް ނޫނެވެ. ލީކުކޮށްލި އޯޑިއޯގައި މިނިސްޓަރު އައިޝާ ދެއްކެވީ ވެސް އެފަދަ ވާހަކަތަކެވެ. މިނިސްޓަރު ނަހުލާއަށް ހަމަ ސާބަހެވެ. ރާއްޖެއަށް ބޭނުންވަނީ ތިފަދަ ވަޒީރުންނެވެ.

ލީކު ކޮށްލި މިނިސްޓަރު އައިޝާގެ އޯޑިއޯއަށް މީހަކު ކުރި ކޮމެންޓެއް