ދުނިޔެ

ސްރީލަންކާގެ ގާނޫނު ހަދާ މަޖިލިސް އުވާލައިފި

އަހުމަދު ޖައިޝަން

ސްރީ ލަންކާގެ ގާނޫނު ހަދާ މަޖިލިސް އުވާލުމަށް އެގައުމުގެ ރައީސް މައިތިރިޕާލާ ސިރިސޭނާ ގެޒެޓް ނޮޓިފިކޭޝަންގައި ސޮއިކުރައްވައިފި އެވެ.

ސްރީލަންކާގެ ކޯ ކެބިނެޓްގެ ސްޕޯކްސްޕާސަން ކެހެލިޔާ ރުމްބެކެވެއްލާ ވަނީ އެކަން އެގައުމުގެ ޓީވީ ޗެނަލެއް ކަމުގައިވާ "ނިއުސް ފަސްޓް" އަށް ކަށަވަރު ކޮށްދެއްވާފައެވެ.

ސްރީލަންކާގެ މަޖިލިސް މިރޭގެ 12:00 އިން ފެށިގެން އުވޭނެ ކަމަށް ގެޒެޓްގައި ސޮއިކުރައްވާފައިވާއިރު އެގޮތަށް ނިންމާފައިވަނީ މަޖިލީހުގެ އިންތިހާބު ބޭއްވުމުގެ ދެ އަހަރު ކުރީންނެވެ.

މިރެއަށްފަހު މަޖިލީހުގެ 225 މެމްބަރުންނާއެކު މަޖިލިސް އުވިގެންދއިރު، ގާނޫނު ހަދާ މަޖިލީހުން ބޮޑުވަޒީރެއް ހޮވުމަށްޓަކައި ސިރިސޭނާގެ ލަންކާ ފްރީޑަމް ޕާޓީއަށް މެޖޯރިޓީ ނެތްކަން އިއުލާންކޮށްފައިވަނީ މިއަދުއެވެ.

ނަން ހާމަކުުރެއްވުމަށް ބޭނުން ނުވާ މިނިސްޓަރަކު ވިދާޅުވީ ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބު އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ކުރީކޮޅު ބާއްވާނެ ކަމަށެވެ.