ޕީޕަލްސް ނެޝަނަލް ކޮންގްރެސް

އިދިކޮޅާ ގުޅުން އޮންނަ ކަމަށް ބުނެ ވަކިކުރާ މީހުންނަށް ވަޒީފާ ދޭން މެނިފެސްޓޯގައި ލިޔާނަން: ޝުޖާއު

ޝަހީދާ އަބްދުﷲ ސައީދު

ސަރުކާރުގެ ވަޒީފާތަކުން ވަކިކުރާ މީހުންނަށް އިދިކޮޅު ކޯލިޝަނުގެ ވެރިކަމެއްގައި އަނބުރާ ވަޒީފާ ދިނުމަށް މެނިފެސްޓޯގައި ހިމަނާނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބުރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

''ވަން'' އަށް މައުލޫމާތު ދެއްވަމުން ޝުޖާއު މިއަދު ވިދާޅުވީ މިސަރުކާރުން މުވައްޒަފުންނަށް ވަޒީފާގެ ބިރުދައްކަމުންދާތީ، ވަކިކުރާ މުވައްޒަފުންގެ ދަފުތަރެއް ޕީޕީއެމުން އެކުލަވައިލާފައިވާނެ ކަމަށެވެ. ދަފުތަރުގައި ޖެހުމަށް ބޭނުންވާ ފަރާތްތަކުން ފޯމު ހުށަހެޅުމުން އެމީހަކު ރަޖިސްޓްރީކޮށްދޭނެ ކަމަށެވެ.

އެގޮތަށް ދަފުތަރު އެކުލަވައިލީ އެއްވެސް ހަމައެއް ނެތި ސިވިލްސާވިސްގެ މުވައްޒަފުންނާއި ސިޔާސީ މަގާމުތަކުގައި ތިބި މުވައްޒަފުން ވަކިކުރާތީ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އުސޫލުން ބޭރުން ވަޒީފާއިން ވަކިކުރާ މީހުންގެ ދަފުތަރުގައި ތިބި މީހުންނަށް އިދިކޮޅު ސަރުކާރެއްގައި ވަޒީފާ ދިނުމަށް މެނިފެސްޓޯގައި ހިމަނާނެ ކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ އިދިކޮޅު ކޯލިޝަނުން އަތޮޅުތަކަށް ކުރާ ކެމްޕޭން ދަތުރުތަށް ފެށުމާއެކު ދިއުމަށް ހަމަޖެހިފައިވާ ރަށްރަށުގައި ތިބޭ މުވައްޒަފުންނަށް ކަމާ ގުޅުންހުރި އިދާރާތަކުން އިންޒާރުތައް ދެމުންދާ ކަމަށެވެ. އެގޮތުން ސިއްހީ މަރުކަޒުތަކާއި ފެނަކައިގެ ވަޒީފާގައި ތިބޭ މީހުންނަށް ގުޅައި އެހަރަކާތުގައި ބައިވެރި ވެއްޖެ ނަމަ ވަޒީފާއިން ވަކިކުރާނެކަން އަންގަމުންދާކަމުގެ މައުލޫމާތު އެފަރާތްތަކުން ދީފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

''އަތޮޅުތަކަށް ދަތުރުތައް ފަށާއިރަށް ދާން ހަމަޖެހިފައި ހުރި ރަށްރަށުގައި ތިބި މީހުންނަށް ހާއްސަކޮށް ފެނަކަ ސިއްހީ މަރުކަޒު ފަދަ ތަންތަނުގައި ތިބޭ މީހުންނަށް އެބަގުޅާ، ގުޅާފައި އެބަ އަންގާ ކަލޭމެން ނުކުމެފިއްޔާ ވަޒީފާއިން ކަނޑާލާނަމޭ. މިހާރު އަހަރެމެން ރަނގަޅުކަމުން އެބަ ބައިތިއްބަމެންނޫންހޭ. ދެން ކަނޑައޭ ލާނީ. މިމައްސަލަ މިހާރު ވަރަށް ބޮޑުވެއްޖެ. މިއަޑުތައް އަތޮޅުތަކަށް ދިޔައިމަ އެބަ އިވޭ، އެޝަކުވާ އެބަ އާދޭ.'' ޝުޖާއު ވިދާޅުވިއެވެ.

މީގެއިތުރުން ޝުޖާއު ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓްރީގެ ބައެއް މުވައްޒަފުން ވަޒީފާއިން ވަކިކުރާކަމުގެ އަޑުތަކެއް ފެތުރުމާއެކު މިނިސްޓަރު އައިޝަތު ނަހުލާ ދެއްވި ޖަވާބަކީ ވަރަށް ޒިންމާދާރުކަން ކުޑަ ޖަވާބެއް ކަމަށެވެ.