ޝަހީދާ އަބްދުﷲ ސައީދު
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އަލުން ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު ކިޔޫ ކުޑަކުރުމަށްޓަކައި ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ގަލޮޅު ދަނޑަށް ބަދަލުކުރުމަށް ސަރުކާރުން ނިންމައިފިއެވެ.
ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ރަޖިސްޓްރީ ކުރުމަށް އިކޮނޮމިކް މިނިސްޓްރީން ހިންގާ ޕްރޮގްރާމުގައި ބިދޭސީން ކިޔޫ ހަދައިގެން ކޮޅަށް ތިބެންޖެހޭ މައްސަލައަށް ނިމުމެއް ގެނައުމުގެ ގޮތުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލާއި އެކު ގަލޮޅު ދަނޑު މިއަދު ބައްލަވާފައިވާ ކަމަށެވެ.
އެގޮތުން ވީ އެންމެ އަވަހަކަށް ގަލޮޅު ދަނޑަށް އެމަސައްކަތް ބަދަލުކުރުމަށް މިހާރު ނިންމާފައިވާކަމަށް މިނިސްޓަރު މަހުލުފު ވިދާޅުވިއެވެ.
ރާއްޖޭގައި މިހާރު ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް އިތުރު ފުރުސަތެއް ދީ، އަލުން ރަޖިސްޓްރީކޮށްދޭން ހުޅުވާލުމުން އިކޮނޮމިކް މިނިސްޓްރީގެ ކަމާ ބެހޭ ޑިމާޓްމަންޓް ދޮށުގައި ކިޔޫ ހަދަމުންދާތީ، އެކަމަށް ހައްލެއް ހޯދުމުގެ މަސައްކަތް ހުސްވި މަހު 26 ގައި ވަނީ ފަށާފައެވެ.
ބިދޭސީންގެ މައްސަލަ ހައްލުކުރަން ސަރުކާރުން އަޅަން ނިންމި ގިނަ ފިޔަވަޅުތަކުގެ ތެރެއިން ރާއްޖޭގައި މިހާރު ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް އިތުރު ފުރުސަތެއް ދީ، އަލުން ރަޖިސްޓްރީވާން ސަރުކާރުން ދިނީ ހަ މަސް ދުވަހުގެ މުއްދަތެކެވެ.
އެގޮތުން ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ގެންގުޅޭ ކުންފުންޏެއްނަމަ، އަލުން ރަޖިސްޓްރީކުރަން އެ ކުންފުނި ނުވަތަ ބިދޭސީ މީހާ ރާއްޖެ އެތެރެކުރި ފަރާތް މެދުވެރިކޮށް އޮންލައިންކޮށް ވެސް ހުށަހެޅެއެވެ.
އެތަނުގައި ރަޖިސްޓްރީވާން ޖެހެނީ މިވަގުތު ވަޒީފާ ނެތި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނެވެ. އެގޮތުން ކޮންމެ ދުވަހަކު ދޫކުރަނީ 150 ނަންބަރެވެ. އަދި ޕީޖީ އޮފީސް ހިންގި އިމާރާތުގެ ބައެއްގައި ހަދާފައިވާ އިކޮނޮމިކް މިނިސްޓްރީގެ ރެގިއުލަރައިޒޭޝަން ޔުނިޓް ދޮށަށް، ކޮންމެ ދުވަހަކު ވެސް ބަންގްލަދޭޝްގެ އެތައް ސަތޭކަ ބަޔަކު ކިޔޫ ޖެހެއެވެ.