ކ. ބޮޑުކަޅީގެ އަށް ނޯޓިކަލް މޭލު ބޭރުގައި މަސްވެރިކަން ކުރަން އުޅުނު މީހެއްގެ ހާލު ދެރަވުމާ ގުޅިގެން އެމްއެންޑީއެފްގެ އެހީއާއެކު އަވަސް ފަރުވާއަށް ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފިއެވެ.
އެމްއެންޑީއެފުން ބުނީ ހާލު ދެރަވެގެން ގެންގޮސްފައިވަނީ "ވިލާ ވާލި 13" ނަމަކަށް ކިޔާ ދޯންޏެއްގައި މަސްވެރިކަން ކުރަން އުޅުނު 54 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
ހާލު ދެރަވެގެން އަވަސް ފަރުވާއަށް އެދިފައިވާ ކަމުގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހެނދުނުގެ 08:09 ހާއިރު ކަމަށާއި، ރިޕޯޓު ލިބުމުން އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީ، ހެނދުނުގެ 09:10 ހާއިރު އެމީހާ ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ.