ދަރުމަވަންތަ ހޮސްޕިޓަލް

ދަރުމަވަންތަ ހޮސްޕިޓަލަކީ އައިޖީއެމްއެޗްގެ ބައެކޭ ބުނުމުން ދޭހަވަނީ ސަރުކާރު ނަގޫފިތިފައި އޮތް މިންވަރު: ޝުޖާއު

ޝަހީދާ އަބްދުﷲ ސައީދު

ދަރުމަވަންތަ ހޮސްޕިޓަލަކީ އައިޖީއެމްއެޗްގެ ބައެއް ކަމަށް ބުނުމަކީ ސަރުކާރު ނަގޫ ފިތިފައިވާ މިންވަރު ދޭހަކޮށްދޭ ކަމެއް ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު މިހެން ވިދާޅުވެފައިވާއިރު އައިޖީއެމްއެޗްގެ މީޑިއާ އޮފިސަރު އިއްޔެ ''ވަން'' އަށް ވިދާޅުވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލު، އައިޖީއެމްއެޗްގެ ބައެއްގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށެވެ. އަދި އިތުރު ތަފްސީލު ދެވޭނީ އައިޖީއެމްއެޗްގެ ބޯޑުގެ މެންބަރުންނާ މަޝްވަރާކުރުމަށްފަހު ކަމަށް އޭނާ ވިދާޅުވިއެވެ.

އެކަން ފާހަގަކުރައްވައި ޝުޖާއު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އައިޖީއެމްއެޗަކީ އިންޑިއާގެ ސަރުކާރުން އަޅައިދިން އިމާރާތެއް ކަމަށާއި ދަރުމަވަންތަ ހޮސްޕިޓަލަކީ ދިވެހި ރައްޔިތުންގެ ފައިސާއިން ހަރަދުކޮށްގެން ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި އިމާރާތްކުރި 25 ބުރީގެ އިމާރާތެއް ކަމަށެވެ.

''މިތަނަށް އައިޖީއެމްއެޗްގެ ބައެއް ނުކިޔޭނެ އެހެން ކިޔުމުން ދޭހަވަނީ ސަރުކާރު ނަގޫފިތިފައި އޮތް މިންވަރު.'' ޝުޖާއު ވިދާޅުވިއެވެ.

ރާއްޖޭގައި އެންމެ ގިނަ ބަޔަކު ހިދުމަތް ހޯދަމުން އަންނަ ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗަކީ އިންޑިއާގެ ކުރީގެ ބޮޑުވަޒީރު ރަޖީވް ގާންދީގެ ވެރިކަމުގައި އެގައުމުގެ ސަރުކާރުން ހިލޭ އެހީގެ ދަށުން އިމާރާތްކޮށް، ދިވެހި ސަރުކާރާ ހަވާލުކުރި ހޮސްޕިޓަލެކެވެ. އެހޮސްޕިޓަލުން ހިދުމަތް ދޭންފެށީ 15 އޭޕްރީލް 1995 ގައެވެ.

އަދި އޭގެ ފަހުން އައިޖީއެމްއެޗްގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް އެހޮސްޕިޓަލާއި އިންވެގެން 11 ބުރީގެ އިމާރާތެއް ވެސް ދިވެހި ސަރުކާރުން އެޅިއެވެ.

ދަރުމަވަންތަ ހޮސްޕިޓަލަކީ ދައުލަތުގެ ބަޖެޓުން 143 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ) ހޭދަކޮށްގެން، 5 ޖޫން 2016 ގައި ސިންގަޕޫރުގެ ޝެންހުއާ ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން އިމާރާތްކުރި ހޮސްޕިޓަލެކެވެ.