ހުޅުމާލޭ ދެވަނަ ފިޔަވަހިން ގޯތި ވިއްކުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ހަވާލުކޮށްފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވަނިކޮށް، ގޯތި ވިއްކަން އެއްވެސް އިރެއްގައި ހުއްދަ ދީފައިނުވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.
އެ ކޮމިޝަންގެ ރައީސް ހަސަން ލުތުފީ މިރޭ "ވަން އޮންލައިނަށް" ވިދާޅުވީ ހުޅުމާލޭ ދެވަނަ ފިޔަވަހިން ގޯތި ގަތުމަށް ހައުސިން މިނިސްޓްރީން ފޯމު ދޫކުރަން ފެށުމުން އެ ކޮމިޝަނުން ވަނީ އެކަން ހުއްޓުވާފައި ކަމަށެވެ. އެހެންކަމުން ދެން އިތުރަށް އެކަން ހުއްޓުވަން ނުޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން އޮތީ ކުރިން ހުއްޓުވާފަ ހުޅުމާލޭ ދެވަނަ ފިޔަވަހިން ގޯތި ވިއްކުން. އެހެންވީމަ ދެން އިތުރަށް ޖެހޭތޯ ހުއްޓުވަން،" ލުތުފީ ވިދާޅުވިއެވެ.
ލުތުފީ މިހެން ވިދާޅުވީ ހުޅުމާލޭ ދެވަނަ ފިޔަވަހިން ގޯތި ވިއްކުން ހުއްޓާލުމަށް ދެވަނަ ފަހަރަށް އެ ކޮމިޝަނުން އެންގި ކަމަށް ދޭހަވާގޮތަށް ބައެއް މީޑިއާތަކުގައި ޚަބަރު ފަތުރާފައި ވަނިކޮށެވެ.
ގޯތި ވިއްކުމުގެ މަސައްކަތް ކުރިއަށްގެންދާ ކަމަށް މީގެކުރިން އެޗްޑީސީން ވަނީ ބުނެފައެވެ.
އެކުންފުނިން ބުނެފައި ވަނީ އެ މަސައްކަތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ 400 ގޯއްޗަށް މިހާތަނަށް ހައުސިން މިނިސްޓްރީއަށް ހުށަހަޅާފައިވާ ފޯމުތައް ހިމެނޭ ގޮތަށް އަދި އެ މިނިސްޓްރީއަށް މިހާ ހިސާބަށް ދޫކޮށްފައިވާ ނަންބަރުތަކުގެ ކިޔު ތަރުތީބުން، އިތުރު ފޯމް ހުށަހެޅުމަށް އެކަށީގެންވާ މުއްދަތު ދެވިގެންދާނެ ގޮތަށް ކަމަށެވެ.
ހައުސިން މިނިސްޓްރީން ގޯއްޗަށް އެދި ހުށަހަޅާ ފޯމް ބަލައިގަތުމުގެ މަސައްކަތް ހުއްޓާލައި، އެ މަސައްކަތް އެޗްޑީސީއާ ހަވާލުކުރިކަން އިއުލާންކުރުމަށް ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ހައުސިން މިނިސްޓްރީން އެ މަސައްކަތްތައް އެޗްޑީސީއާ ހަވާލުކުރީ ޖާގައިގެ ދަތިކަން ހުރުމާއި ފޯމް ހުށަހެޅުމަށް އަންނަ ފަރާތްތަކަށް އިތުރު ލުއި ފަސޭހަތަކެއް ހޯދައިދިނުމުގެ ގޮތުން ކަމަށެވެ.
ގޯތި ވިއްކުމާ ގުޅޭ މައްސަލައެއް ތަހުގީގު ކުރަމުން އަންނަތޯ ދެންނެވުމުން އޭސީސީގެ ރައީސް ލުތުފީ ވަނީ ނުކުރާ ކަމެއް ތަހުގީގު ކުރަނީ ކިހިނެތްތޯ ވިދާޅުވެ ސުވާލު ކުރައްވާފައެވެ.
"އަޅުގަނޑުމެން ވާނީ ގޯތި ވިއްކުން ހުއްޓުވާފައި. ނުކުރާ ކަމެއް ކިހިނެތްތޯ ތަހުގީގު ކުރާނީ،" ލުތުފީ ވިދާޅުވިއެވެ.