ބޯޅަތަކެއް އުކަމުން 10ކޭގެ ދުވުމުގެ ރޭސް އެންމެ ފުރަތަމަ ފުރިހަމަ ކޮށްގެން ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދާފައިވާ ކެނެޑާގެ މަޝްހޫރު މެރެތަން ޖޮގްލަރ، މިކަލް ކެޕްރަލްގެ އިތުރު ރެކޯޑުތަކެއް މުގުރާލުމުގެ އިވެންޓްތަކެއް ރާއްޖޭގައި ބާއްވަން ހަމަޖައްސައިފިއެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން(އެމްއެމްޕީއާރްސީ)ން އިވެންޓްތައް އެންޑޯސް ކޮށްފައިވާއިރު، މިކަލްގެ ރެކޯޑު މުގުރުމުގެ ދެ ހަރަކާތެއް އައްޑޫ، އަދި މާލެ ސިޓީގައި ބާއްވަން ވަނީ ހަމަޖައްސައިފައެވެ.
އެގޮތުން ފުރަތަމަ އިވެންޓް، އަންނަ މަހުގެ ފަސް ވަނަ ދުވަހު އޮންނާނީ އައްޑޫ ސިޓީގައެވެ. އެއީ ޓޯޓަލް ފިޓްނެސް ގްރޫޕް(ޓީއެފްޖީ)އިން ބާއްވާ "ކޮކާކޯލާ ރަން އިން އައްޑޫ" އިވެންޓުގައި ހަތަރު ބޯޅަ "ޖަގްލް" ކުރަމުން، މިކަލް ކެޕްރަލް 10ކޭގެ މެރެތަންއެއް ފުރިހަމަކޮށްގެން ޖިނިސް ވޯލްޑް ރިކޯޑު ފޮތުން ޖާގަ ހޯދުމަށް ބާއްވާ އިވެންޓެކެވެ.
އެ އިވެންޓަށްފަހު، އަންނަ މަހުގެ 11 ވަަނަ ދުވަހު، ތިން ބޯޅަ ބޭނުންކޮށްގެން ސިޑިން އެރުމުގެ އިވެންޓް އޮންނާނެއެވެ. އެ އިވެންޓުގައި މިކަލް މަސައްކަތް ކުރާނީ 1800 ސްޓެޕް ފުރިހަމަ ކޮށްގެން ރިކޯޑު ހަދާށެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އިވެންޓުތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވީ މިއީ މުޅި ދުނިޔޭގައިވެސް ހަތަރު ބޯޅަ އުކަމުން ދުވުމުގެ ރޭހެއް ފުރިހަމަ ކުރަން ކުރާ ފުރަތަމަ އެޓެމްޓް ކަމަށެވެ. އަދި މި އިވެންޓަށް ދުނިޔޭގެ ސަމާލުކަން ލިބިގެންދާނެ ކަމަށާއި، އެކަމުގެ ސަބަބުން ފަތުރުވެރިންގެ ލޯތައް ރާއްޖެއަށް ހުއްޓިގެންދާނެ ކަމަށް ވިދާޅުވިއެވެ.
އަންނަ އަހަރު، ރަނގަޅަށް ޕްލޭންކޮށްގެން، ސްޕޯޓްސް ޓުއަރިޒަމްގެ މިފަދަ އިވެންޓުތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބާއްވަން އެމްއެމްޕީއާރްސީން މަސައްކަތް ކުރާނެ ކަމަށް ވިދާޅުވިއެވެ.
ތޮއްޔިބު ވިދާޅުވީ މިފަހަރުގެ "ޖޮގިން އެންޑް ޖަގްލިން" އިވެންޓް އައްޑޫގައި ބާއްވަން ނިންމީ، އައްޑޫ އަކީވެސް ފަތުރުވެރިކަމުގެ ތަފާތު ރީޖަނެއްގެ ގޮތުގައި ޕްރޮމޯޓް ކުރުމަށް ކަމަށެވެ.
މީގެ އިތުރުން، ކެނެޑާގައި މަޝްހޫރު މީހެއްގެ ރެކޯޑް ބްރޭކިން އިވެންޓެއް ރާއްޖޭގައި ބޭއްވުމަކީ އެގައުމުން އަންނަ 0.7 އިންސައްތަ ފަތުރުވެރިންގެ ނިސްބަތް އިތުރު ކުރެވިގެންދާނެ ކަމެއް ކަމުގައިވެސް ތޮއްޔިބު ވިދާޅުވިއެވެ.
"މިހާރު އަންނަނީ ގާތްގަނޑަކަށް 9،000 ފަތުރުވެރިން. ބޭނުންވަނީ އެ އަދަދު އިތުރު ވެގެން ދިއުން" އޭނާ ވިދާޅުވިއެވެ.