ބިދޭސީންގެ މައްސަލަތައް

ބިދޭސީއަކު ރަހީނު ކުރި މައްސަލައެއް ބަލަނީ

އާނިފާ ހުސެއިން ސިރާޖް

މާލޭގައި ބިދޭސީއަކު ރަހީނުކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ 34 އަަހަރުގެ ބަނގުލަދޭޝް ފިރިހެނެއް ރަހީނުކޮށްގެން އުޅޭކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ 02:46 ގައި ކަމަށެވެ. އަދި އެ މައުލޫމާތު ލިބުމާއެކު އެ މީހާ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

ނަމަވެސް އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަން ފެށިތާ އެއް ދުވަސް ފަހުން އެ ބިދޭސީ މީހާ ރަހީނުކުރި މީހުންގެ ކިބައިން އަމިއްލައަށް ސަލާމަތްވެފައިވާ ކަމަށާއި އަދި ފިލައިގެން ފުލުހުންގެ ސާވިސްއަށް ގޮސް، ކަން ހިނގައި ދިޔަ ގޮތުގެ މައުލޫމާތު އިތުރަށް ތަފުސީލުކޮށްދީފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލައަކީ ތަހުގީގު ކުރަމުން އަންނަ މައްސަލައެއް ކަމުން އިތުރު ތަފުސީލު ދެވެން ނެތް ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރުކޮށްފައި ނުވާ ކަމަށާއި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.