ދަރުމަވަންތަ ހޮސްޕިޓާ ރަސްމީކޮށް ހުޅުވަން ސަރުކާރަށް ނުކެރިގެން އުޅެނީ، އެތަން ހުޅުވަން ބާއްވާ ރަސްމިއްޔާތުގައި ދައްކާނެ ވާހަކައެއް ނެތުމުން ކަމަށް ޕީއެންސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ލ.ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެެވެ.
އަބްދުއްރަހީމް އެހެން ވިދާޅުވެފައިވަނީ އައިޖީއެމްއެޗްގެ ދެކުނުގައި 25 ފަންގިފިލާއަށް އިމާރާތް ކޮށްފައިވާ ދަރުމަވަންތަ ހޮސްޕިޓަލަކީ، އައިޖީއެމްއެޗްގެ ބައެއް ކަމަށާއި، އެހެންކަމުން އެތަން ރަސްމީކޮށް ނުހުޅުވާނެ ކަަމަށް އައިޖީއެމްއެޗާ ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ދަނޑިވަޅެއްގައެވެ.
އަދުރޭ ރޭގެ ވަގުތެއްގައި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލް ހުޅުވަން މި ސަރުކާރަކަށް ނުކެރޭނެ ކަމަށެވެ.
"ހުޅުވަން ބާއްވާ ޖަލްސާގައި ކީކޭ ކިޔާނީ؟ އެހެންވެ ބަހަނާ ދައްކަނީ. އެހެންޏާފަހެ، އެއީ (ދަރުމަވަންތަ ހޮސްޕިޓަލް) އައިޖީއެމްއެޗްގެ ބައެކޭ ބުނުމުގެ ބަދަލުގައި އަވަށްޓެރި ގައުމެއްގެ ބައެކޭ ބުނިނަމަ މާ ރަނގަޅުވީހެއްނު" އަދުރޭ ވިދާޅުވިއެވެ.
ދަރުމަވަންތަ ހޮސްޕިޓަލްގެ ހުރިހާ މަސައްކަތްތަކެއްހެން ނިމިފައިވާއިރު، އެ އިމާރާތް މިހާރު އަންނަނީ ބޭނުންވެސް ކުރަމުންނެވެ. އެހެންނަމަވެސް އަދިވެސް އެތަން ރަސްމީކޮށް ހުޅުވާފައިނުވާތީ އިދިކޮޅު ފަރާތްތަކުން އަންނަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. އެގޮތުން އެތަނުގެ ނަން ބަދަލު ކުރަން ސަރުކާރުން އުޅޭ ކަމަށްވެސް އިދިކޮޅުން ތުހުމަތު ކުރެއެވެ.