ސިޔާސީ

އަނިޔާވެރިކަމާ ކޮރަޕްޝަން ނުހިންގެވިނަމަ ގިނަ ބަޔަކު ރައީސް ޔާމީނަށް ތާއީދު ކުރީސް: މިނިސްޓަރު ފައްޔާޒު

ފަތޯނާ ފާއިޒު

އަނިޔާވެރިކަމާ ކޮރަޕްޝަންގެ އަމަލުތައް ނުހިންގެވިނަމަ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ގިނަ ރައްޔިތުންގެ ތާއީދު ލިބުނީސް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އޭރު އިދިކޮޅުގައި ތިބި ފަރާތްތަށް ރައީސް ޔާމީނާ ދެކޮޅަށް ނުކުތީ އަނިޔާވެރިކަމާ ކޮރަޕްޝަންގެ އަމަލުތަކާ ގުޅިގެން "ނޭވާ ނުލެވޭ" ހިސާބަށް ކަންކަން ދިޔުމުން ކަމަށެވެ.

"ފަސް އަހަރެއްގެ ދައުރެއްގައި މީހަކު ކުރާ ކޮންމެ ކަމަކީ އަދި ގޯސް ކަމެއް ނޫން ދެއްތޯ. އަޅުގަނޑުމެންނަށް ރައީސް ޔާމީން ކަމު ނުދިޔައީ އަނިޔާވެރިކަމާ ކޮރަޕްޝަންގެ ކަންތައްތައް އިންތިހާއަށް ގޮސް، ރައްޔިތުންނަށް ނޭވާއެއް ނުލެވޭ ހިސާބަށް ދިޔައީމަ ނޫންތޯ" މިނިސްޓަރު ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ބައެއް ސިޔާސަތުތަކަށް ތައުރީފު ކުރައްވައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ރައީސް ޔާމީން ހިންގެވި ކަމަށެެވެ. އެހެންނަމަވެސް އެމަނިކުފާނު އެކަންކަން ކުރެއްވި ގޮތް ކަމުނުދާ ކަމަށް ވިދާޅުވިއެވެ. އެގޮތުން ބައެއް މަޝްރޫއުތައް ހިންގީ ބޮޑު އަގުގައިކަން ފާހަގަކުރެއްވިއެވެ.

"މިސާލަކަށް ބައްލަވާ ފެނާ ނަރުދަމާ. މިދިޔަ ސަރުކާރުން ދީފައި ހުރި އަގުތަކުގެ ތިންބައިކުޅަ އެއްބައިގައި މިހާރު އަޅުގަނޑުމެން މިކުރަނީ އިނގޭތޯ" މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން ފެއްޓެވި މަޝްރޫއުތަކުގެ ތެރެއިން އެއާޕޯޓު އެޅުމުގެ މަޝްރޫއަކީ ރަނގަޅު ކަމެއް ކަމަށެވެ. އެގޮތުން އެކަމުގެ ފައިދާތަކަށް މިނިސްޓަރުގެ ވާހަކައިގައި އަލިއަޅުއްވައިލެއްވިއެވެ.