ޒިމްބާބުވޭގެ ކުރީގެ ރައީސް ރޮބާޓް މުގާބޭގެ ހަށިކޮޅު، އޭނާ އުފަންވެ ވަޑައިގެން އަވަށުގައި ފަސްދާނުލައިފިއެވެ.
ޒިމްބާބުވޭއަށް މިނިވަންކަން ލިބުނީއްސުރެ 34 އަހަރު ދުވަހު ވެރިކަން ކުރެއްވި، މުގާބޭ، އުމުރުފުޅުން 95 އަހަރުގައި އަވަހާރަވެފައިވަނީ މިމަހުގެ ހަ ވަނަ ދުވަހު ސިންގަޕޫރުގައެވެ.
މުގާބޭގެ ހަށިގަނޑު ޒިމްބާބުވޭއަށް ގެނެސް، އޭނާގެ ޖަނާޒާ އެގައުމުގެ ވެރިރަށް ހަރާރޭގައި ހުންނަ ނޭޝަނަލް ސްޕޯޓްސް ސްޓޭޑިއަމްގައި ބޭއްވި މިމަހުގެ 14 ވަނަ ދުވަހުއެވެ.
އަދި އޭގެ ދެ ހަފްތާހުން މުގާބޭގެ ހަށިކޮޅު އިއްޔެވަނީ، އޭނާ އުފަންވެ ވަޑައިގެން އަވަށް، ކުޓަމާގައި ފަސްދާނުލައިފައެވެ.
އާއިލާ އެކަނި ބައިވެރިވެގެން އާދައިގެ ރަސްމިއްޔާތެއްގައި ފަސްދާނުލުމުގެ ކަންކަން ކުރިއަށްގެންދަން ރޭވި ނަމަވެސް، އެތައް ސަތޭކަ ބަޔަކު ފަސްދާނުލުމުގައި ބައިވެރިވިއެވެ.
އެގޮތުން ޒިމްބާބުވޭގެ ދިދައިން ނިވާކޮށްފައިވާ ސަންދޯއް ފަސްދާނުލާ ސަރަހައްދަށް ގެންދިޔައީ މުގާބޭގެ ހުވަފަތް އަނބިކަނބަލު ގްރޭސް އަދި ދަރިދަރިކަލުންނާއެކުއެވެ.
ނަމަވެސް ޒިމްބާބުވޭގެ މިހާރުގެ ރައީސް އިމާސަން އެމްނަންގަގްވާ އަދި ސަރުކާރުގެ އިސް އެއްވެސް އޮފިޝަލަކު ފަސްދާނުލުމުގައި ބައިވެރިވެފައެއް ނުވެއެވެ.
މުގާބޭގެ ހަށިކޮޅު ފަސްދާނުލުން ލަސްވެގެންދިޔައީ، އޭނާގެ ހަށިކޮޅު ފަސްދާނުލާނެ ތަނަކާމެދު ޒިމްބާބުވޭގެ ސަރުކާރާއި މުގާބޭގެ އާއިލާއާދެމެދު ހިޔާލު ތަފާތުވުން އުފެދުމުންނެވެ.
އެގޮތުން ހަރާރޭގައި ހުންނަ ނޭޝަނަލް ހީރޯސް އޭކްރޭ ގަބުތުސްތާނުގައި ފަސްދާނުލުމަށް ޒިމްމާބުބޭ ސަރުކާރުން މަސައްކަތް ކުރިއިރު، އާއިލާއިން ބޭނުންވީ މުގާބޭ އުފަންވެ ވަޑައިގެންނެވި އަވަށުގައި ފަސްދާނުލުމަށެވެ.