ދުނިޔެ

ފްލައި ޖަމައިކާގެ ފްލައިޓެއް ގުޔާނާ އެއާޕޯޓު ރަންވޭއަށް ވެއްޓިއްޖެ

މުހައްމަދު އައުޒަމް

ފްލައި ޖަމައިކާގެ ފްލައިޓެއް ގުޔާނާ އެއާޕޯޓު ރަންވޭއަށް އިމަޖެންސީގައި ޖައްސަނިކޮށް ވެއްޓިއްޖެއެވެ.

މިހާދިސާ ހިނގާފައިވަނީ ބޯއިން 757 މަރުކާގެ މިފްލައިޓު ގުޔާނާ އެއާޕޯޓުން ކެނެޑާގެ ޓޮރޮންޓޯއަށް ދަތުރުކުރުމަށް ނައްޓާލިތާ 10 މިނެޓުފަހުން ބޯޓުގެ ހައިޑްރޯލިކް ސިސްޓަމަށް މައްސަލަތަކެއް ޖެހުމާގުޅިގެން އަނބުރައި ގުޔާނާ އެއާޕޯޓަށް އިމަޖެންސީގައި ޖެއްސުމުގެ ތެރޭގައެވެ. ފްލައިޓު ވަނީ ރަންވޭއިން ނެއްޓިގެންގޮސް ބޭރުގައި ޖަހާފައިވާ ފެންސުންވެސް ބޭރުވެފައެވެ. ފްލައިޓުގެ ދުވެލި މަޑުވީ ވެލިފުންޏެއްގައި ޖެހިގެންނެވެ.

ފްލައިޓު ވެއްޓުމާއެކު ވިންގުގެ އިތުރުން ފްލައިޓުގެ އިންޖީނު ވެސް ވަނީ ވަކިވެގެން ގޮސްފައެވެ.

ޖަމައިކާގެ ފްލައިޓަށް ދިމާވި މައްސަލަ ކުރިމަތިވި ސަބަބު ސާފުނުވާއިރު ތަހުގީގު ކުރާ ޓީމްތަކުން ވަނީ މަސައްކަތް ފަށާފައެވެ.

މިހާދިސާ ހިނގިއިރު ފްލައިޓުގައި 128 ފަސިންޖަރުންނާއި ކުރޫއިން ތިބިކަމަށް އޮފިޝަލުން މައުލޫމަތު ދެއެވެ. ހަމީހަކަށް އެކިވަރުގެ އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާދޭން ވަނީ ފަށައިފަ އެވެ.