ޓުއަރިޒަމް ދުވަސް

ރާއްޖޭގެ 13 އަހަރުން ދަށުގެ ކުޅުންތެރިޔަކަށް ލަލީގާގެ ކްލަބެއްގައި ޓްރެއިނިން ހެދުމުގެ ފުރުސަތު ދެނީ

އަލީ ރިފްޝާން

ރާއްޖޭގެ 13 އަހަރުން ދަށުގެ ކުޅުންތެރިޔަކަށް ސްޕެނިޝް ލަލީގާގެ ކްލަބެއްގައި ޓްރެއިނިން ހެދުމުގެ ފުރުސަތު ދިނުމަށް ނިންމައިފިއެވެ.

ލަލީގާގެ ކްލަބެއްގައި ޓްރެއިނިން ހެދުމުގެ ފުރުސަތު ލިބޭނީ ޓޫރިޒަމް ދުވަހާ ގުޅިގެން 13 އަހަރުން ދަށުގެ ސްކޫލުތަކަށް ބާއްވާ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށެވެ.

ޓޫރިޒަމް ދުވަހުގެ ހަރަކާތްތައް ފެށުމަށް ވ. ތިނަދޫގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ޓޫރިޒަމް ދުވަސް ފާހަގަކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކުގެ ދެވަނަ ދުވަހު ފަށާ އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ޓްރެއިނިން ހެދުމުގެ ފުރުސަތު ލިބިގެންދާނެ ކްލަބެއް ފަހުން އިއުލާންކުރާނެ ކަމަށާއި މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ 13 އަހަރުން ދަށުގެ ސްކޫލުތަކަށް ބާއްވާ އެ މުބާރާތުގައި ޖުމްލަ 17 ސްކޫލަކުން ބައިވެރިވާނެ ކަމަށެވެ.

"އެ ދުވަހު މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ 13 އަހަރުން ދަށުގެ ސްކޫލުތަކުން، ޖުމްލަ 17 ސްކޫލަކުން ކޮންމެ މެޗެއް ފައިނަލް މެޗެއްހެން އެ ދުވަހު 6:30 އިން ފެށިގެން ކުރިއަށްދާނީ ހެންވޭރު ދަނޑުގައި. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ މީގެ ކުރިން އޮތީ ދުބާއީއަށް ދާ ގޮތަށް. އެހެންނަމަވެސް މިއަދު އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ ދާނީ މެދުއިރުމަތި ހުރަސްކޮށް، ސްޕެނިޝް ލަލީގާ ޓީމެއްގެ ޓްރެއިނިންއަށް،" މިނިސްޓަރު ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ އެ މުބާރާތުގެ އެންމެ މޮޅު އަށް ކުޅުންތެރިންނަށް 13 އަހަރުން ދަށުގެ ގައުމީ ޓީމުން ފުރުސަތު ދިނުމަށް ހަމަޖެހިފައިވާ ކަމަށާއި ޓޫރިޒަމް ހަރަކާތްތަކުގައި ބައިވެރިވުމަށް ރެއާލް މެޑްރިޑްގެ ކުރީގެ ކެޕްޓަން މިޝެލް ސަލްގާޑޯ އާއި ސްޕެނިޝް ލަލީގާގެ ސެލްޓާ ވިގޯގެ ބައެއް އިސްވެރިން ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ.