ވިޔަފާރި

އަމާޒަކީ މި ދައުރު ނިމޭއިރު އަހަރަކު ހަތަރު މިލިއަން ފަތުރުވެރިން ގެނައުން: ފައިސަލް

މުހައްމަދު އިޝާން

މި ފަސް އަހަރު ނިމޭއިރު، ރާއްޖެއަށް އަހަރަކު އަންނަ ފަތުރުވެރިންގެ އަދަދު ހަތަރު މިލިއަނަށް އިތުރުކުރުމަކީ ސަރުކާރުގެ އަމާޒު ކަމަށް ފަތުރުވެރިކަމާބެހޭ މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ފައިސަލް މިއަދު ދެއްވި މެސެޖެއްގައި ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން މިހާރަށްވުރެ ބޮޑަށް ކުރިއެރުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން ފަތުރުވެރިކަން މިހާރަށްވުރެ ބޮޑަށް ކުރިއެރުވުމަށް މި ވަގުތު އެންމެ މުހިންމީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލް އޮޕަރޭޝަނެއް ގެނައުން ކަމަށް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ، މި އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ވީއައިއޭގެ އާ ޓާމިނަލް ބޭނުންކުރަން ފެށޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

"މި ފަސް އަހަރު ނިމެންވާއިރަށް އަޅުގަނޑުމެންގެ ޓާގެޓް، 3.5 މިލިއަން ފަތުރުވެރިން ނުވަތަ 4 މިލިއަން ފަތުރުވެރިންނަށް ރާއްޖޭގެ އެރައިވަލްސް ގެންދިއުމަށް ހިފާފައިވާ އަމާޒު ހާސިލުވެ ކާމިޔާބު ހޯދޭނެ،" ފައިސަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރާއްޖެ އަންނަ ފަތުރުވެރިން ޗުއްޓީ ހޭދަކުރާ ދުވަސް އިތުރުކުރުމަށްވެސް މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ. އަމާޒަކީ ފަތުރުވެރިކަމުގެ ދާއިރާ އިން މިހާރު ލިބެމުންދާ 4.5 ބިލިއަން ޑޮލަރުގެ އާމްދަނީ ހަ ބިލިއަން ޑޮލަރަށް އިތުރުކުރުން ކަމަށްވެސް ވިދާޅުވިއެވެ.