ޚަބަރު

ރާއްޖޭގެ ފަތުރުވެރިކަން ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް ދިވެހިގޮތްތައް ހިފެހެއްޓުން މުހިންމު: ރައީސް

ރާއްޖޭގެ ފަތުރުވެރިކަން ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް ދިވެހިގޮތްތައް ހިފެހެއްޓުން މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ގައުމީ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސް ޑރ. މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފަތުރުވެރިކަމުގެ ބިންގަލަކީ މިތުރުވެރިކަމާއި އެކުވެރިކަމާއި ހިތްހެޔޮކަމާއި އަމާންކަމާއި ރައްކާތެރިކަން ކަމަށެވެ.

"ރާއްޖޭގެ ފަތުރުވެރިކަން ކާމިޔާބުކަމާއެކު ދެމެހެއްޓުމުގައި ދިވެހީންގެ ސުލްހަވެރި އޮމާން ދިވެހިގޮތްތައް ހިފެހެއްޓުން ނުހަނު ބޭނުންތެރި" ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ޓޫރިޒަމަށް 52 އަހަރު ފުރުން މިއަދު ފާހަގަކުރާއިރު، ރާއްޖޭގައި އެންމެ ފުރަތަމަ ގައުމީ ޓޫރިޒަމްގެ ދުވަހެއް ފާހަގަކޮށްފައިވަނީ 2022 ވަނަ އަހަރުއެވެ. އެ ދުވަސް ފާހަގަކުރަނީ 3 އޮކްޓޯބަރު 1972 ގައި "ކުރުނބާ ވިލެޖު" ގެ ނަމުގައި، ކ. އަތޮޅުގައި ވިހަމަނާފުށީގައި ރާއްޖޭގެ ފުރަތަމަ ރިސޯޓް ހުޅުވި ދުވަހާ ގުޅުވައިގެންނެވެ.